ރާއްޖޭގައި ހަމަޖެހުން ގާއިމްކޮށް މަސްލަހަތު ދަމަހައްޓަން ކުރަން ޖެހުނުން ކޮންމެ މަސައްކަތެއް ކުރަންވެސް ދިވެހި ފުލުހުން ފަސްނުޖެހޭނެ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށީގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާ މިއަދު އަޅުއްވައިދެއްވުމަށްފަހު ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ މިގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރަމުން މިދަނީ ގައުމުގެ އިޖުތިމާއީ ފޭރާން ވިއްސި ވިހާލިވެ ބޮޑެތި ކުށްތައްކޮށް ރޭވިގެން ހިނގާ ކުށްތައް އިތުރުވެފައި ވަނިކޮށް ކަމަށެވެ. ޑިމޮކްރަސީ އަކީ އަޑުގަދަ ކުރާތަކުން ހަޅޭލަވައިގެން ގެންނަ އެއްޗެއްގެ ގޮތުގައި ދަައްކުވައިދެމުންދާ ދުވަސް ވަރެއްގައި ކަމުގައިވެސް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ކަންކަމާމެދު ހިތްހަމަނުޖެހުމުން ދަރިވަރުުން ނިކުމެ ޓީޗަރާ ދެކޮޅަށް އަޑުގަދަކުރުމާއި ރައްޔިތުން ނިކުމެ ކައުންްސިލާ ދެކޮޅަށް އަޑު ގަދަކޮށް ހަޅުތާޅު ކުރުންފަދަ ކަންކަމަކީ ރަނގަޅު ކަންކަމުގެ ގޮތުގައި ބަލައިގަތް ދުވަސްތައް މާޒީވެ ހިނގައްޖެ ކަމަށެވެ. ހަމަ އެހެންމެ ކޮންމެ ކަމެއް ނިންމުމަށް އަޑުގަދަކުރާ ބޭނުންކޮށްގެން ނިކުމެ މަގުތައް ހަލަބޮލިކޮށް ރަނގަޅު ނޫން ގޮތުގައި ޑިމޮކްރަސީ ހަމަތައް ރައްޔިތުންނަށް ދައްކައިގެން ގައުމުގައި ހަމަނުޖެހުން އުފެދިގެންދިޔަ ދުވަސްތަކެއް ހިނގައްޖެ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުން މިއަދު މަސައްކަތް ކުރަމުން މިދަނީ ގައުމުގައި އިޖުތިމާއީ އަދާލަތު ދަަމަހައްޓައި ހަލާކުވެފައިވާ އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު އުމަރު ވިދާޅުވީ ގައުމުގައި ހަމަޖެހުން ގާއިމްކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެެއް ފިސާރި ސާބިތު ކަމާއެކު ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ. އެކަމަށް ކުރިމަތިވާ ކޮންމެ ހުރަހެއް ނައްތާލައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ މިއަދުގެ ސަރުކާރުގެ ވެސް އަދި ރައީސުލްޖުމުހުރިއްޔާގެ ވެސް އެންމެ ބޮޑު އެދުން ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު އުމަރު ވިދާޅުވީ ހޯރަފުށީގައި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރެވިގެންދާއިރު ރައްޔިތުންނަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުވެ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ. އަދި ހޯރަފުށީގައި ފުލުހުންގެ މަރުކަޒެއް ބިނާ ކުރެވިގެން މިދަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ރަށު ކައުންސިލާއި ރައްޔިތުން ކުރި ބުރައް މަސައްކަތުން ކަމަށްވެސް ވިދާޅުވި އެވެ.