މެލޭޝިއާ އަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން މިދިޔަ މާޗް މަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ދިވެހިންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ހަމަޖައްސައިދިނުމަށް މެލޭޝިއާ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.

ރައީސްގެ މިހުށަހެޅުމާއި ގުޅިގެން މެލޭޝިއާ ސަރުކާރުން ނިންމަންޖެހޭ ކަންކަން ހަމަޖެއްސުމަށްފަހު މާދަމާ މިކަމަށް އަމަލުކުރުމަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މެލޭޝިއާގައި ދިވެހި ހައިކޮމިޝަނުން ބުނީ މެލޭޝިއާ އަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބިގެން ދިއުމަކީ ގިނަ ބަޔަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަދި ފަސޭހައެއް ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މިކަން ހަމަޖެހިގެން ދިއުމުން ދިވެހި ސަރުކާރާ މެލޭޝިއާ ސަރުކާރާ ދެމެދު އޮތް ގާތްގުޅުން ހާމަވާ ކަމަށެވެ. އަދި މިއީ ސަރުކާރުން ވަރަށް ބަލައިގަންނަ ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން މިވަގުތުވެސް ތިއްބެވީ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގަ އެވެ.