ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްއާއި އޭނާގެ ދެ ބޮޑީގާޑުންގެ ގޮތުގައި މަސައްކަތް ކުރި ސިފައިންގެ ދެ މީހެއްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް އެވެ.

މިމައްސަލައިގެ އަޑުއެހުމެއް އިއްޔެވެސް ބާއްވަން މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އެހެން ކޯޓަކަށް ބަދަލުކުރުމާ ގުޅިގެން އިއްޔެގެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.

މިމައްސަލާގައި މިއަދު ބާއްވަން އޮތް އަޑުއެހުން ކެންސަލް ކުރީ މިމައްސަލާގައި ދައުވާ ލިބޭ އަދީބްގެ ބޮޑީގާޑް މއ. ސިގްމާ، ހަސަން ރިކާޒުގެ ގާނޫނީ ވަކީލު މައުމޫން މޫސާ މާލޭގައި ނޫޅުއްވާތީ އެވެ. މައުމޫން ވިދާޅުވީ އޭނާ މާލެއިން ބޭރަށް ދިޔައީ އިއްޔެ ކްރިމިނަލް ކޯޓުން ހުއްދަ ހޯދައިގެން ކަމަށެވެ.

އަދީބްއާއި ރިކާޒްގެ އިތުރުން މިމައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ އަދީބްގެ އެހެން ބޮޑީގާޑެއް ކަމުގައިވާ ލ. ދަނބިދޫ، އަފްޒާ، އަހްމަދު އާމިރުގެ މައްޗަށެވެ.

މިއަދު ބާއްވަން އުޅުނު އަޑުއެހުން ކެންސަލްކޮށް މާދަމާ 10:00 ޖަހާއިރު މިމައްސަލައިގެ އަޑުއެހުމެއް ބާއްވަން ނިންމާފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

މިމައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށްދާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.