ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ބައެއް މައްސަލަ ބެލުމަށް ކްރިމިނަލް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ހަވާލުވެވަޑައިގެންފި އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދީބް ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންތައް މީގެ ކުރިން ކުރިއަށް ގެންދިޔައީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ނަމަވެސް މިމައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އިންނެވީ ގާޒީ ބާރީ އެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ބާރީ ވިދާޅުވީ އަދީބް ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންތައް ދެން ކުރިއަށް ގެންދާނީ އޭނާގެ ބެލުމުގެ ދަށުން ކަމަށާއި މިމައްސަލަ ކުރިން ބެއްލެވި ފަނޑިޔާރުންގެ ބެންޗް އުވާލާފައިވާ ކަމަށެވެ. ކުރީގެ ބެންޗްގައި ގާޒީ ބާރީ ހިމެނިވަޑައިނުގަންނަވަ އެވެ.

އަދީބްގެ އިތުރު މައްސަލަތަކެއް ބެލުމަށް ވެސް ގާޒީ ބާރީ މިހާރު ހަވާލުވެވަޑައިގެންފައިވާ ކަަމަށް އަދީބްގެ ބައެއް އަރިސް ބޭފުޅުންގެ ފަރާތުން ވަނީ މައުލޫމާތު ލިބިފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިކަމުގައި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުގައި ނިންމާފައިވާ މަޝްހޫރު ސިޔާސީ ބޭފުޅުންގެ ޝަރީއަތްތައް ބެއްލެވި ފަނޑިޔާރުންގެ ބެންޗް ތަކުގައިވެސް ގާޒީ ބާރީ މީގެ ކުރިން މަސައްކަތް ކުރައްވާފައިވެ އެވެ.