މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި އަދީބް ފިސްތޯލައާއި ގޮވާތަކެތި ގެންގުޅުނު ކަމަށް ބުނޭ އޭނާގެ ގާތް ދެ ރަހްމަތްތެރިޔަކު ހެކިބަސް ދީފި އެވެ.

މިމައްސަލައާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އަދީބާއި ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހެޅި ތިން މީހަކު ވަނީ ކާކުކަން ނޭނގޭހެން ހެކިބަސް ދީފަ އެވެ. އެތިން މީހުންގެ ވާހަކަތަކުން އެމީހުންނަކީ އަދީބްގެ ވަރަށް އަރިސް ބައެއްކަން އިނގެ އެވެ.

މިއަދު ހެކިބަސް ދިން ފުރަތަމަ މީހާ ބުނީ އޭނާއާ އަދީބަކީ ވަަރަށް ކުޑައިރުއްސުރެވެސް ގާތް ދެ ރަހްމަތްތެރިން ކަމަށެެވެ. އެމީހާ ބުނީ މޭޑޭގެ ކުރީރޭ އަދީބް ގުޅުއްވުމުން އަދީބް އެވަގުތު ހުންނެވި "ސްޓޮޕް އެންޑް ޝޮޕް" ހުންނަ އިމާރާތަށް ދިޔަ ކަމަށެވެ. އެމީހުންގެ ކިބައިން އަދީބް އެދުނީ މޭޑޭގެ މުޒާހަރާގެ މައުލޫމާތު އަންގައިދިނުމަށާއި މުޒާހަާ ކޮންޓްރޯލް ކުރުމަށް އެޅެންހުރި ފިޔަވަޅު އަޅައިދިނުމަށް ކަމަށް ބުންޏެވެ. އެމީހާ ބުނީ އަދީބް ގެންގުޅުނު ކަޅުކުލައިގެ ދަބަހަކުން ދެ ފިސްތޯލައާއި ވަޒަނާއި ރަތް ކުލައިގެ ޓޭޕް އަޅާފައި އޮތް ޑިވައިޒެއް ވެސް ދެއްކި ކަމަށެވެ. އަދި އެއީ ގޮވާޒާތުގެ އެއްޗެއް ކަމަށް އަދީބް މައުލޫމާތު ދެއްވި ކަމަށްވެސް އެމީހާ ބުންޏެވެ. އަދި ފިސްތޯލަ ނެގުމަށްފަހު އޭނާއާއި ރައީސް އަބްދުﷲ ޔާމިނާ ހަމައަށް އިދިކޮޅު އަދި އެމްޑީޕީގެ އެއްވެސް މީހަކަށް ނާދެވޭނެ ކަމަށް އަދީބު ވިދާޅުވި ކަމަށްވެސް އެމީހާ ބުންޏެވެ.

ހެކިވެރިޔަކު ބުނީ އަދީބް ފިސްތޯލަ ގެންގުޅުނު މައްސަލަ އޭރު ރިޕޯޓް ނުކުރީ އަދީބް އޭރު ހުރި މަގާމުގެ ހައިސިއްޔަތުންނާއި ސަރުކާރުގައި އޭނާގެ ބާރު އޮތް ވަރުން އެކަން ރިޕޯޓްކޮށްފިނަމަ ނުރައްކަލެއް އޮވެދާނެތީއާއި އަދީބް ހުރި މަގާމުގެ ހައިސިއްޔަތުން ރައްކަލަކަށް ގެންގުޅޭ ފިސްތޯލައެއް ކަމަށް ބަލައިގެން ކަމަށެވެ.

ތިންވަނަ ހެކިވެރިޔަކު ބުނީ އަމީނީ މަގުގައި ހުންނަ ރެހެންދި ފްލެޓްގައި އަދީބް އުޅުއްވި އެޕާޓްމަންޓްގައި ފިސްތޯލައެއް އޮއްވާ އޭނާއަށް ފެނިފައިވާ ކަމަށެވެ. ފިސްތޯލަ ފެނުނީ އަދީބް ދައްކައިގެން ނޫން ކަމަށާއި އެތަނުގައި ހުރި މޭޒެއްގެ މަތީގައި އޮއްވާ ފެނުނީ ކަމަށްވެސް ބުންޏެވެ. އަދި އެ ފިސްތޯލައިގެ ފޮޓޯއެއް ނެގި ކަމަށްވެސް އެމީހާ ބުންޏެވެ.

އެ މީހާ ބުނި ފޮޓޯއާއި ގުޅޭގޮތުން ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ވެސް ދައުލަތުން މިއަދު ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ. ގާޒީ ބާރީ އެ ރިޕޯޓް ބަލައިގަތުމަށް ނިންމުމާ ގުޅިގެން އަދީބްގެ ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވީ އެ ފޮޓޯ ނަގާފައިވަނީ އަދީބުގެ އެޕާޓްމަންޓް ތެރެއިން ކަން ފޮޓޯއިން ނޭނގޭ ކަމަށެވެ. އަދި އެ ފޮޓޯ ނަގާފައިވަނީ ހެކިބަސްދިން މީހާގެ ފޯނުން ކަން ވެސް ފުލުހުން ހުށަހެޅި ރިޕޯޓް ސާފު ނުވާ ކަަމަށްވެސް އަދީބްގެ ވަކީލް ވިދާޅުވި އެވެ.

މިމައްސަލާގައި މިމަހުގެ ހަތަރުވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ައަދީބްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގިނަ ދައުވާތަކެއްގެ ޝަރީއަތްތައް ހަލުވި ކަމާއި އެކު ކުރިއަށްދާއިރު އަދީބް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.