ކުރީގެ ރައީސް ނަޝީދަށް އިނގެރޭސިވިލާތުން ހިމާޔަތް ދެއްވާފައިވާކަން ދިވެހި ސަރުކާރަށް އަންގާފައި ނުވާކަމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ދުންޔާ ވިދާޅުވީ، ކުރީގެ ރައީސް ނަޝީދު އިނގެރޭސިވިލާތުގައި މިހާރު ހުންނެވީ ސިޔާސީ ރެފިއުޖީއެއްގެ ގޮތުގައި ކަމަށް ބުނާއިރު އެ ހައިސިއްޔަތު ސަރުކާރަށް ސާފުނުވާ ކަމަށެވެ. އަދި އެކަން ސާފުކޮށްދެއްވުމަށް އެދި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ހޫގޯ ސްވަޔާ އަށް ހުސްވި ހަފުތާގައި ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ރަސްމީކޮށް ދިވެހި ސަރުކާރަށް އެކަން ނާންގާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދަށް އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ދިނުމާ ގުޅިގެން ފޮރިން މިނިސްޓްރީން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައުލޫމާތު ލިބުނީ މީޑިއާ އިން ކަމަށެވެ. އަދި ރައީސް ނަޝީދަށް އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ދީފައިވާނަމަ އެއީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރަށް ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ލަންޑަންގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމާއި ގުޅިގެން ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ދުންޔާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމުގެ މާބޮޑު ތަފުސީލެއް ލިބިވަޑައި ނުގަންނަވާ ކަމަށެވެ.

"ޑިމޮކްރަސީއެއްގައި އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދާނެ. ރޫލިން ޕާޓީގެ ވަރަށް ވަރުގަދަ ސަރުކާރެއް އެބައޮތް. އެކަމަކު އިދިކޮޅު ފަރާތްތަކުން ގުޅެމުން ދިއުމަކީ ރާއްޖޭގެ ތާރީޚުންވެސް ފެނިފައިވާ ކަމެއް. އަދި އެ ކަމަކީ ދުނިޔޭގެ އެހެެން ޤައުމުތަކުންވެސް ފެންނަމުންދާ މަންޒަރެއް." ދުންޔާ ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދަށް ހިމާޔަތް ދިންކަން އިނގެރޭސި ސަރުކާރުން ނާންގާކަމަށް ދިވެހި ސަރުކާރުން ބުނާއިރު، ނަޝީދު އިނގެރޭސި ވިލާތަށް ވަޑައިގެންނެވީ ބޭސްފަރުވާ އަށް ދިއުމަށް ސަރުކާރުން ހުއްދަ ދިނުމުންނެވެ. ނަމަވެސް ރައީސް ނަޝީދު މިހާރު އެ ޤައުމުގައި ހުންނަވަނީ ސިޔާސީ ރެފިއުޖީއެއްގެ ގޮތުގައި ކަމަށް ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ. އަދި އިދިކޮޅު ފަރާތްތަކަށް ރާއްޖޭގައި ތިބެގެން ސިޔާސީ ހަރަކާތް ހިންގާނެ ޖާގަ ނެތްކަމަށްވެސް ނަޝީދާއި އަދި އިދިކޮޅު ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.