ހިންދީ ފިލްމީ ދުނިޔޭގައި ހެއްވާމަޖާ ބައި ކުޅުމުގައި މަޝްހޫރު އަދި އިންޑިއާއާއި، ހިންދީ ފިލްމީ ދުނިޔޭގެ އެތައް ބައެއްގެ މެދުގައި މަގްބޫލް ކޮމެޑީ އެކްޓަރ ރައްޒާގް ޚާން މަރުވެއްޖެއެވެ. އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

ރައްޒާގް ޚާންއަށް ހާޓްއެޓޭކެއް ޖެހުނީ މުމްބާއީގައި، އިންޑިއާ ގަޑިން ރޭ މެންދަމު 12:30 ހާއިރު ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް "ހޮލީ ފެމިލީ ހޮސްޕިޓަލް" އާ ހަވާލާދީ މީޑިއާއިން ބުނެއެވެ.

ރައްޒާގު ޚާންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކްރޮއޭޝިޔާގައި ވަޒީފާ އަދާކުރަމުންދާ އޭނާގެ ފިރިހެން ދަރިފުޅު އައްސަދު މިރޭ މުމްބާއީއަށް އައުމުން، މާދަމާ ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ.

ހިންދީ ފިލްމީ ދުނިޔޭގައި ރައްޒާގް ޚާން ކުޅެފައިވާ ފިލްމްތަކުގައި އޭނާ އަދާކޮށްފައިވާ ހެއްވާމަޖާ ރޯލުގައި އޭނާއަށް ކިޔާފައިވާ ނަންތައްވެސް އިންޑިއާގައި ވަރަށް މަޝްހޫރެވެ. އެގޮތުން ނިންޖާ ޗާޗާ، ލަކީ ޗިކްނާ، ކޭޝަވް، މަނިކްޗަންދް، ފައިންކު، ބާބޫ ބިސްލޭރީ، ޕޮއްޕަޓްވާލާ ފަދަ ނަންތައް ހިމެނެއެވެ.

ރައްޒާގް ޚާން މުހިންމު ރޯލެއް ކުޅެފައިވާ މަޝްހޫރު ހިންދީ ފިލްމްތަކުގެ ތެރޭގައި "ރޫޕް ކީ ރާނީ ޗޯރޯން ކާ ރާޖާ"، "ރާޖާ ހިންދުސްތާނީ"، "ޕިޔާރް ކިޔާ ތޯ ޑަރްނާ ކިޔާ"، ބާތު ބަން ގައީ" ހިމެނެއެވެ.

ރައްޒާގް ޚާން އެންމެ ބޮޑަށް މަޝްހޫރު ވެގެންދިޔަ ފިލްމްތަކުގެ ތެރޭގައި، 1999 ވަނަ އަހަރު ނުކުތް ޝާހް ރުކް ޚާންގެ "ބާދްޝާހް"، އަދި ސަލްމާން ޚާންގެ "ހެލޯ ބްރަދަރ" ހިމެނެއެވެ.

ރައްޒާގް ޚާން އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ "ކިޔާ ކޫލް ހެއި ހަމް 3" އެވެ.

ރައްޒާގް ޚާން ކުއްލިގޮތަކަށް މަރުވުމުން، ހިންދީ ފިލްމީ ދުނިޔޭގެ ތަރިން އެކަމުގެ ހިތާމަ ފާޅުކޮށް، އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުން އެބަގެންދެއެވެ.