ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އަލަށް އެކުލަވާލި އިދިކޮޅު ކޯލިޝަންގެ ހިޔަނި ކެބިނެޓާއި އެފަރާތްތަކުގެ މަސައްކަތްތަަކާއި ގުޅިގެން ދޭނެ ކޮމެންޓެއް ނެތްކަމަށް ސަރުކާރުން ބުނެފިއެވެ.

ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރްޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ސަރުކާރުން ދަންނަނީ ގައުމުގައި އުފެދިފައިވާ ސިޔާސީ ޕާޓީތައްކަމަށާ ސިޔާސީ ބޭފުޅުން އެކުވެގެން އުފައްދާ ހިޔަނި ކެބިނެޓާއި އެބޭފުޅުންގެ މަސައްކަތަށް ކުރާނެ ކޮމެންޓެއް ނެތްކަމަށެވެ.

މުއާޒު ވިދާޅުވީ ގައުމު ހަލަބޮލިކޮށްލައިގެން ވަކި ބައެއްގެ މަގްސަދު ހާސިލުކުރުމަށް މަސައްކަތް ކުރުމަކީ ރައްޔިތުން ބަލައިގަންނާނެކަމެއް ނޫންކަމަށާ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހި ގައުމާއި މުޅި ރައްޔިތުންގެ ހައްގުގައިކަމަށް މުއާޒު ވިދާޅުވިއެވެ.

"ސަރުކާރުން ދަންނަނީ އުފެދިފައިވާ ސިޔާސީ ޕާޓީއެއް. ހިޔަނި ކެނބިނެޓެއް ނުދަންނަން. އެެހެންވީމަ އެކަމަށްދޭނެ ކޮމެންޓެއް ނެތް." މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ރާއްޖޭގައި އޮތީ ގާނޫނީ އިމުގެ ތެރެއިން އުފެދިފައިވާ ގާނޫނީ ސަރުކާރެއްކަމަށާ ސަރުކާރުން އަމަލްކުރަމުން ގެންދަނީވެސް ޑިމޮކްރަސީގެ އުސޫލްތަކާއި އެއްގޮތަކަށް ކަމަށެވެ. އަދި ސަރުކާރުން ގާނޫން އަސާސީއާއި އެއްގޮތަށް ނޫނީ އެއްވެސްކަމެއް ނުކުރާނެކަމަށާ ގާނޫނީ އިމުގެ ބޭރުން ކަންތައްތަކެއް ކުރުމަށް ބަޔަކުކުރާ މަސައްކަތަކަށް ސަރުކާރުން ދޭނެ ރައްދެއް ނެތްކަމަށެވެ.