ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ނިންމާލައިފި އެވެ.

މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން މ. ޝޫރާމަންޒިލް ހާމިދު އިސްމާއިލް (ހާމިދު ސޭޓް)ގެ މައްޗަށެވެ.

މިރޭގެ އަޑުއެހުމުގައި ހެކިބަސް ދެމުން ހާމިދުގެ ކޮއްކޮ އަމުޖަދު އިސްމާއިލް ބުނީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ ދުވަހެއްގަައި އަދީބް އޭނާއަށް ގުޅައި އެމްސީއެމްގެ އެކައުންޓުގައި ފަސް މިލިއަން ޑޮލަރު ހުންނާނެ ކަމަށާއި އެ އެކައުންޓްގައި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށްފަހު ބާކީ ފައިސާ އަދީބަށް ލިބޭ ގޮތް ހަދައިދެއްވުމަށް އެދުނު ކަމަށެވެ. އެގޮތަށް އެދުމުން ތިން ޗެކެއް ލިޔުމަށްފަހު އަދީބަށް އެ ފައިސާ ލިބޭ ގޮތް ހަދައިދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމްސީއެމްގެ އެކައުންޓްގައި އަދީބް ބަހައްޓަން ވިދާޅުވި އެއް މިލިއަން ޑޮލަރަކީ އަދީބް އެކުންފުނީގައި ކުރިން މަސައްކަތް ކުރިއިރު ލޯންގެ ގޮތުގައި ނަގާފައިވާ ފައިސާތަކެއްގެ ބަދަލުގައި ބަހައްޓާފައިވާ ފައިސާ ކަމަށްވެސް އަމުޖަދު ބުންޏެވެ.

މިމައްސަލާގައި ހެކިބަސް ދެމުން އެމްސީއެމްގެ ޖެނަރަލް މެނޭޖަރު އަހްމަދު ނިޔާޒު ވެސް ބުނީ އަދީބުގެ އެދިވަޑައިގަތުމަށް އެމްއެމްސީން ޗެކް ދޫކުރި ކަމަށެވެ.

މި ދެ މީހުން ވެސް ބުނީ އަދީބަށް ޗެކް ދޫކުރި އިރު ހާމިދު ރަށުގައި ނޫޅޭތީވެ މި ޗެކް ދޫކުރިކަން ހާމިދަށް އެނގިފައި ނުވާނެ ކަމަށެވެ.

ހާމިދު އެސްޓީއޯއާއި އެކު ޑޮލަރުގެ މުއާމަލާތްތަކެއް ކޮށްފައިވާ ކަން ސާބިތު ކުރަންވެސް މިއަދު ވަނީ ހެކި ހުށަހަޅާފަ އެވެ. އެގޮތުން އެސްޓީއޯގެ ދެ މުވައްޒަފުން މިއަދު ވަނީ ކޯޓުގައި ހެކިބަސް ދީފަ އެވެ. އެގޮތުން އެ ދެ މީހުންވެސް ބުނީ އެސްޓީއޯ އަށް ޑޮލަރު ބޭނުންވުމުން އެކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ވެސް ބައިވެރިވެގެން އެއް މިލިއަން ހާމިދު ފޯރުކޮށްދިން ކަމަށެވެ.

މިރޭގެ އަޑުއެހުމަށް އަދީބްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝާހިދު އިސްމާއިލް އާއި ޒިޔަތުގެ މައްސަލަ ތަހުގީގުކުރި ޕޮލިސް އޮފިސަރުވެސް ހާޒިރުކޮށް ބައެއް މައުލޫމާތު ސާފުކޮށްފައިވެ އެވެ.

މިމައްސަލާގައި މިރޭ ބޭއްވި އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވީ މިމައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ ކުރިއަށް އޮތް ހޮނިހިރު ދުވަހު ކަމަށެވެ. އެހެންކަމުން އެދުވަހުގެ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްްވުމަށް ތައްޔާރުވެގެން އަޑުއެހުމަށް ހާޒިރުވުމަށް ވަކީލުންނަށް ގާޒީ ވަނީ އަންގަވާފަ އެވެ.