ގދ. މަޑަވެލީގައި ފުލުހުންގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައި މަޑަވެލީ ޕޮލިސް ޕޯސްޓްގެ މަސައްކަތް ފަށައިފި އެވެ.

މަޑަވެލީ ޕޮލިސް ޕޯސްޓްގެ މަސައްކަތް ފައްޓަވައި ދެއްވީ ސަދަން އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން އާދަމް އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އެވެ.

މަޑަވެލީ ޕޮލިސް ޕޯސްޓުގެ މަސައްކަތް ފައްޓަވައި ދެއްވުމަށްފަހު އެތަނުގައި މަސައްކަތް ކުރާ ފުލުހުންނާ ބައްދަލުކުރައްވާ ދެ ބޭފުޅުން ވެސް ވިދާޅުވީ ފުލުހުންގެ ހިދުމަތް ރަށެއްގައި ގާއިމުކުރަނީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ދެމެހެއްޓުމަށާއި ޖިނާއީ ކުށްތައް ކުރުން ހުއްޓުވަން ކަމަށް ވާތީ އެކަމަށް މަސައްކަތް ކޮށްދެއްވުމަށް އެދޭ ކަމަށެވެ. ހަމަ އެއާއެކު ފުލުހުން ހިދުމަތުގައި ދެމިތިބެންވާނީ ރައްޔިތުންނާއި ގުޅިގެން އަދި ރަށު ކައުންސިލާިއ މުއައްސާތަކާއެކު ރަނގަޅު ގުޅުމެއް ދަމަހައްޓައިގެން ކަމަަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ފުލުހުންނަކީ ވަކި ގާނޫނީ ބާރުތަކަކާއެކު މަސައްކަތްކުރާ، ފުރިހަމަ އަހްލާގާއި ނަމޫނާ ދައްކަން ޖެހޭނެ ބައެއް ކަމަށާއި ކިތަންމެ މަދު އަދަކަށް ފުލުހުން ތިބި ކަމުގައިވީނަމަވެސް އެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށްވެސް ދެ ބޭފުޅުންވެސް ވިދާޅުވި އެވެ.

މަޑަވެލީ ޕޮލިސް ޕޯސްޓުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން އާދަމް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދުގެ އިތުރުން ޕްރރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި އަޕާ ސައުތު ޕޮލިސް ޑިވިޒަން ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފު ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްްގައި ފުލުހުންގެ ހިދުމަތް ތަރައްގީކޮށް ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ރާއްޖޭގެ 79 ރަށުގައި ޕޮލިސް ސްްޓޭޝަން ހުޅުވައި އެރަށްރަށުގައި ފުލުހުންގެ ހިދުމަތް ދޭން ފެށިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.