ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އެދިގެން ލޯންޗެއް ގޮއްވާލުމަށް ދެ އައިއީޑީއެއް ތައްޔާރުކުރި ކަމަށް ބުނެ އަދީބާ ދެކޮޅަށް މީހަކު ކޯޓުގައި ހެކިބަސް ދީފި އެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ސިއްރުން ހެކިބަސް ދިން ސިފައިންގެ މީހަކު ބުނީ ރައީސް އަށާއި ސަރުކާރުގެ އިސްވެރިންނަށް އިންޒާރު ދީފައިވާ ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑް ކުރީ އަދީބް ކަމަށެވެ. އަދި އޭގެފަހުން ސިޔާސީ ސްޓަންޓެއް ޖެއްސުމަށްޓަކައި އަދީބް އެދިގެން ގަލްފް ކްރާފްޓްގެ ލޯންޗެއް ގޮއްވާލުމަށް އައިއީޑީއެއް ތައްޔާރުކޮށްދީފައިވާނެ ކަމަށެެވެ. އޭގެ ފަހުން އިތުރު ލޯންޗެއް ގޮއްވާލުމަށް އައިއީޑީއެއް ހަދައިދިނުމަށް އަދީބް އެދުމުން ދެވަނަ ފަހަރަށްވެސް އައިޑީއެއް ހަދައިދީފައިވާނެ ކަމަށާއި ނަމަވެސް ފަހުން ތައްޔާރުކުރީ ބާރު ދަށް އައިއީޑީއެއް ކަމަށްވެސް އެމީހާ ބުންޏެވެ.

ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުން ހަތިޔާރާ ގޮވާތަކެތީގެ ތަމްރީން ހަދާފައިވާ މި މީހާ ބުނީ ފަހުން ބާރު ދަށް އައިއީޑީއެއް ހެދީ އެފަދަ އެއްޗެއް ގޮވާ ގިނަ ބައެއްގެ ފުރާނައަށް ގެއްލުންވެދާނެ ކަމަށް ގަބޫލުކުރެވޭތީ ކަަމަށެވެ.

މި މީހާ ވަނީ ސީރިއަސް އެހެން ބައެއް ވާހަކަތައް ވެސް ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފަ އެވެ. އެގޮތުން މިދިޔަ އަހަރު ފާހަގަކުރި ރާއްޖޭގެ މިނިވަން 50އާ ގުޅުވައިގެން ބޭއްވުނު ހަރަކާތްތަކުގެ ތެރެއިން ބަޔަކު މަރާލުމަށްޓަކައި ޒަހަރު ހޯދުމަށް އަދީބް މަސައްކަތް ކުރެއްވި ކަމަށްވެސް އެމީހާ ބުންޏެވެ. މީގެ އިތުރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ދަތުރުކުރައްވަމުން ގެންދަވާ ކާރުކޮޅުގައި މިދިޔަ އަހަރުގެ މޭޑޭއާއި ގުޅުވައިގެން އެއްޗެއް ގޮއްވާލުމަށްވެސް އަދީބް ރޭވި ކަމަށް އެމީހާ ބުނެފައިވެ އެވެ. އެގޮތަށް ރޭވީ މޭޑޭގެ މުޒާހަރާގައި އިސްކޮށް އުޅުއްވި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ހައްޔަރުކުރުމުގެ މަގުސަދުގައި ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ. އެކަމަކު މޭޑޭގައި ގޮއްވާލަން ރޭވި އެތި ގޮއްވާލާފައި ނުވާ ކަަމަށްވެސް ބުންޏެވެ.