އިދިކޮޅު ސިޔާސީ ލީޑަރުން ގުޅިގެން ކޯލިޝަނެއް އެކުލަވާލައި ރާއްޖެއިން ބޭރުގައި ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ މަސްލަހަތު ނަގާލުމަށް ކުރާ ކަމެއް ކަމަށް ބުނެ އެ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ޕީޕީއެމުން ގޮވާލައިފިއެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް، ގައުމާ ރައްޔިތުންގެ މަސްލަހަތު އިސްކޮށް އިދިކޮޅު ހަރަކާތްތައް ހިންގުމަކީ ޑިމޮކްރެސީގައި އޮންނަ ކަމެއް ކަމަށެވެ. ނަމަވެސް ބޭރުގެ އެކި ފަރާތްތަކުން އެހީ ހޯދައިގެން، ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް، ގައުމުގެ މަސްލަހަތު ނަގާލަން ހަރަކާތްތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައި ވެއެވެ.

އަދި ބުނެފައިވަނީ ވަކި ބައެއްގެ ޒާތީ މަގުސަދެއް ހާސިލްކުރަން ހިންގޭ މިފަދަ ހަރަކާތްތަކަކީ ޑިމޮކްރެސީގެ ރޫހާ ވެސް ޚިލާފު ކަމެއް ކަމަށެވެ.

ރާއްޖޭގެ މަސްލަހަތު ނަގާލައި ގައުމުގެ އިގުތިސާދަށާއި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާތީ އެކަމާ ކަންބޮޑުވާ ކަމަށާއި އަދި އެކަން ކުށްވެރި ކުރާ ކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމުން ބުނީ އިދިކޮޅު ބޭފުޅުން ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ހިންގާ ހަރަކާތްތައް މިހާރުން މިހާރަށް ހުއްޓާލައި ރާއްޖެ ވަޑައިގެން ޒިންމާދާރުކަމާ އެކު މަސައްކަތް ކުރަން ގޮވާލާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރު ބަދަލުކޮށް 2018 ވަނަ އަހަރުގެ ކުރިން މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިކުރުމަށް އިންތިގާލީ ސަރުކާރެއް އެކުލަވާލަން ބާރުއަޅައި ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް ރާއްޖޭގައި ހިނގާ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ އިއްތިހާދެއް އެކުލަވާލައި ހިޔަނި ކެބިނެޓެއްވެސް އިއުލާންކޮށްފައެވެ.

އިދކޮޅު ކޯލިޝަންގެ ލީޑަރަކަށް ހަމަޖައްސާފައިވަނީ ކުރީގެ ނާއިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

އެމަނިކުފާނަށް ލަފާ ދެއްވުމަށް ތިން އެޑްވައިޒަރުން ވެސް ވަނީ ކަނޑައަޅާފައެވެ.

އެޑްވައިޒަރުންނަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އިނގިރޭސިވިލާތަށް ބޭސްފަރުވާއަށް ވަޑައިގަތުމަށްފަހު އެގަމުން ސިޔާސީ ހިމާޔަތް ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.

ހިޔަނި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ އެމްޑީޕީގެ ޗެެއާޕާސަން އަލީ ވަހީދު، ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް، މާލޭގެ މޭޔަރު މުހައްމަދު ޝިހާބު، ގާނޫނީ ވަކީލު ހިސާން ހުސައިން، ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީ، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން، މާލޭގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު، ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު، ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް، ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.