ފަތުރުވެރިކަމުގެ ދާއިރާއަށް 8000 މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް ދެ ކައުންސިލަކާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކަސްޓަމްސް ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޑިޔުކޭޝަން މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއާއި އެކު އެއްބަސްވުމުގައި ސޮއިކުރީ ގއ. ކޮލަމާފުއްޓާއި ގއ. ވިލިނގިލި ކައުންސިލް އިދާރާއިންނެވެ. މިޕްރޮގްރާމްގައި ތަމްރީން ކުރުމަށް ގއ. އަތޮޅުން 1500 ކުދިން މިހާރު ވަނީ ހޯދާފަ އެވެ.

ދެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރު އާއި މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. ކައުންސިލް ތަކުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ތަކުގެ ރައީސުންނެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ މިޕްރޮގްރާމްގައި ތަމްރީން ދޭނީ އެކުއްޖެއްގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައިގެން ކަަމަށެވެ. މިޕްރޮގްރާމް ފުރިހަަމަ ކުރާ ކުދިންނަށް އެކުދިންގެ ދާއިރާއިން ވަޒީފާ ހަމަޖެހޭނެ ކަމަށާއި އަދި މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތުވެސް ލިބިގެންދާނެ ކަަމަށް ވިދާޅުވި އެވެ.