ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މެލޭޝިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން މެލޭޝިއާ އަށް ފުރާވަޑައިގަތީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މިއަދު މާލެ ވަޑައިގެންނެވީ ސްރީލަންކާގައި މަޑުކުރެއްވުމަށްފަހު ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސްގެ ދެކަނބަލުން މިއަދު މާލެ ވަޑައިގަތުމުން ރައީސް އަށް ތާއީދުކުރައްވާ ފަރާތްތަކުން ވަނީ އިއްޒުއްދީން ފާލަމުން އެމަނިކުފާނަށް މަރުހަބާ ކިޔާފަ އެވެ.

ރައީސްގެ ދެކަނބަލުން މެލޭޝިއާ އަށް ކުރެއްވިި މިދަތުރުފުޅަކީ މިދިޔަ މަހުގެ 31 އިން މިއަދުގެ ނިޔަލަށް މެލޭޝިއާގައި ކުރިއަށްދާ "ޕަމާޓާ އިންޓަނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރަށް މެލޭޝިއާގެ ބޮޑުވަޒީރާ ވެސް ބައްދަލުކުރައްވާފައިވެ އެވެ.

މި ކޮންފަރެންސްގެ ހައި-ލެވަލް ފޯރަމްގައި މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ސެރީ ރޮސްމާހް މަންސޫރު ދެއްވެވި ދައުވަތަކަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބައިވެރިވެވަޑައިގެން "ގައުމުގެ ކުރިމަގަށް ފެންވަރު ރަނގަޅު ތައުލީމް" މި މައޫލޫއަށް ތަގުރީރު ކުރައްވާފައިވެ އެވެ.

ރައީސް އޮފީހުން ބުނީ މި ކޮންފަރެންސަކީ ކުޑަކުދިންގެ ތަރައްގީއާއި ކުރިއެރުމަށް އަމާޒުކޮށްގެން އެކި ގައުމުތަކުގެ މާހިރުން އެއްތަންވެ ހިޔާލުފާޅުކުރުމަށް ބޭއްވޭ ވަރަށް މުހިއްމު ބައްދަލުވުމެއް ކަމަށެވެ.