ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު އަރީފު ރައީސް އަބުދުﷲ ޔާމީން ހައްޔަރުކުރުމަށް ކޯޓް އަމުރެއް ނެރެދިނުމަށް ކްރިމިނަލް ކޯޓްގައި އެދިފައިވާކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިނު ވިދާޅުވެއްޖެއެވެ.

މުހުތާޒް މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިނާ އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން މިރޭ ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

މުހުތާޒު ވިދާޅުވީ ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު އަރީފު ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ދުވަސްވަރު ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަލްއުސްތާޒު އަބުދުﷲ މުހައްމަދަށް ގުޅުއްވާ ރައީސް ޔާމީން ހައްޔަރުކުރުމަށް ކޯޓް އަމުރެއް ހޯދުމަށް އެދިފައިވާކަމަށެވެ. އަދި ފަހުން ކޯޓް އަމުރު ބޭނުންނުވާކަމަށްވެސް އަބުދުﷲ ގާޒީއާއި ގުޅުއްވާ އަރީފު ވިދާޅުވެފައިވާކަމަށް މުހުތާޒު ވިދާޅުވިއެވެ.

މުހުތާޒް އިތުރަށް ވިދާޅުވީ ކުރިން އޭނާއަށް އެނގިފައި އޮތީ ކްރިމިނަލް ކޯޓުން އެފަދަ އަމުރެއް ހޯދަން މަސައްކަތް ކުރީ ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު ސައުދީކަމަށާ ނަމަވެސް ފަހުން އެކަމުގެ މައުލޫމާތު ލިބުނުއިރު، އެކަންކޮށްފައިވަނީ ސީޕީ އަރީފު އޭނާގެ ފޯނުން އަބުދުﷲ ގާޒީއަށް ގުޅައިގެންކަމަށް ޔަގީން ކުރެވިފައިވާކަމަށެވެ.