ރޯދަމަސް ފެށެން ދެތިން ދުވަހަށް ވެފައިވާއިރު ރޯދައަށް ހުރިހާ މުސްލިމުންވެސް ދާނީ ތައްޔާރުވަމުންނެވެ. ރާއްޖޭގެ ޒަމާންވީ އާދަކާދަ އޮންނަ ގޮތުން ރޯދައަށް ގޭތެރެ ރީތިކޮށް ހިފާ ގެންގުޅޭ ސާމާނު އާކޮށް ވަރަށް ބޮޑަށް ތައްޔާރުވަމުންދެ އެވެ. ނަމަވެސް ޒަމާނަށް އަންނަމުންދާ ބަދަލާއެކު މި އާދަ އަންނަނީ ތަފާތު ގޮތްގޮތަށް ބަދަލުވަމުންނެވެ. ހާއްސަކޮށް މި އަހަރުގެ ރޯދަ މަހާއި ދިމާކޮށް ބޮޑު ތަފާތެއް ދައްކައިފި އެވެ.
ފެންނަފެނުމަށް ބަލާއިރު މިއަހަރުގެ ރޯދައަށް އެންމެ ބޮޑަށް ތައްޔާރު ވެފައި ތިބި އެއްބަޔަކީ ރަށު ކައުންސިލް ތަކޭ ބުނެވިދާނެ އެވެ. އެގޮތުން މި ރޯދަ އާއި ދިމާކޮށް ބައެއް ކައުންސިލްތަކުން މިވަނީ ރަށުގެ ރައްޔިތުން ހެއްވާލާފަ އެވެ. އެގޮތުން ރަމަޟާން މަހު އއ. މާޅޮހު ރައްޔިތުންނަށް ރޯދަ ހަދިޔާއެއްގެ ގޮތުން ހުރިހާ ގޭބިސީތަކުގެ ކަރަންޓު ބިލުގެ އެއްބައި ކައުންސިލުން ދައްކައިދިނުމަށް ކައުންސިލުން ނިންމި ކަން އިއުލާން ކުރި އެވެ. އެއާއި އެކު ކައުންސިލްތަކުގެ ރޯދަ އިނާޔަތުގެ ވާހަކަ މިއަހަރަށް އެ ފެށުނީ އެވެ.
ކައުންސިލްތަކުގެ ރޯދަ އިނާޔަތުގެ ސިލްސިލާ ފެށުނީ އެހާ ހިސާބުންނެވެ. މާޅޮހު ރައްޔިތުންގެ އިނާޔަތުގެ ވާހަކަ މީޑިއާ އިން ގެނެސްދިނުމާއި އެކު ކައުންސިލްތަކުން ރޯދަ އިނާޔަތް ބަހަން ފަށައިފި އެވެ. އެގޮތުން ތ. ވޭމަންޑޫ ކޮންމެ ރައްޔިތަކަށް 100 ރުފިޔާ ބެހުމަށް އެރަށު ކައުންސިލުން ވަނީ ނިންމާފަ އެވެ. ކ. ހިންމަފުށީ ކައުންސިލުން އެ ރަށުގެ ރަޖިސްޓްރީގައި ތިބި ކޮންމެ މީހަކަށް 200ރ. ދިނުމަށް ވަނީ ނިންމާފަ އެވެ. ރ އުނގޫފާރު ރައްޔިތުންނަށް ރޯދަ މަހުގެ ކަރަންޓު ފީ ހިލޭ ވާނެ އެވެ. ކޮންމެ އަކަސް ކައުންސިލްތަކުން ރޯދަ ހަދިޔާ ދިނުމުގެ ފޯރި ގަދަވެފައިވާއިރު މިއީ ރައްޔިތުންނަށް އުފާވެރިކަން ލިބޭނެ ކަމެކެވެ.
ކައުންސިލް ތަކެކޭ އެއްގޮތަށް ބޮޑެތި މުއައްސަސާތަކުންވެސް އެތަންތަނުގެ މުވައްޒަފުންނަށް ރޯދަ މަހުގެ ހާއްސަ ހަދިޔާ އަންނަނީ ދެމުންނެވެ. އެގޮތުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ތިން މިލިއަން ރުފިޔާގެ ތަކެތި ދިނުމަށް މޯލްޑިވުސް ޕޮލިސް ސާވިސް އިން ވަނީ ނިންމާފަ އެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލް އިންވެސް ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ރޯދަ އިނާޔަތްދީ ހަދިޔާ ބަހާފަ އެވެ. އެސްޓީއޯ އާއި އެމްޕީއެލް ވެސް މިލިސްޓްގައި ހިމެނެ އެވެ.
މީގެ އިތުރަށް ދިރާގާއި އުރީދޫއިންވެސް ވަނީ ރޯދަ މަހުގެ ހާއްސަ ޕްރޮމޯޝަންތައް ފަށާފަ އެވެ. އެގޮތުން ރޯދަމަހު ދިރާގު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ އަދި ހުކުރު ދުވަހު ހިލޭ ކޯލު ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. މީގެ އިތުރަށް ރޯދަ މަހާ ދިމާކޮށް ވިލާ އާއި މޯލްޑިވް ގޭސް އިންވެސް ވަނީ އެ ކުންފުނިތަކުން ވިއްކާ ގޭހުގެ އަގު ހެޔޮކޮށްފަ އެވެ.
ބައެއް ކައުންސިލް ތަކާއި ކުންފުނިތަކުން ރޯދަ މި އިނާޔަތް ދިނުން ފޯރިއާއި އެކު ކުރިއަށްދާއިރު، ކޮންމެ ރަށެއްގެ ރައްޔިތުންވެސް އަދި ކުންފުނިތަކުންވެސް ތިބެނީ އެބަޔަކަށް ލިބެނީ ކޮންކަހަލަ އިނާޔަތެއްތޯ ބަލަބަލަ އެވެ.
މިދިޔަ އަހަރުގެ ރޯދަ މަހާ ދިމާކޮށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުގައިވާ ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ކޮންމެ މުސްލިމް މުވައްޒަފަކަށް 3000 ރުފިޔާ ދޭން ޖެހެ އެވެ. އަދި މުސްލިމް ބިދޭސީ މުވައްޒަފުންނަށް ރޯދަ އިނާޔާތް ދިނުމަކީ ވަޒީފާ ދޭ ފަރާތަށް އޮތް އިހްތިޔާރެއް ކަމެއްކަމަށްވެސް ގާނޫނުގައި ބުނެ އެވެ. ރޯދައާއި ދިމާކޮށް އެ އިނާޔާތްވެސް ލިބުން ޔަގީންކޮށްލާށެވެ.