ރާއްޖޭގައި އޮތް އެންމެ އާބާދީ ކުޑަ އަތޮޅަކީ ވ އަތޮޅު ނަމަވެސް އެ އަތޮޅަކީ މުޅި ދިވެހި ރާއްޖޭގައި އޮތްވެސް އެންމެ ހިތްގައިމު އިގްތިސާދީ މަސައްކަތްތަކަށް ފަހި އެއް އަތޮޅެވެ. ވ އަތޮޅުގެ ރައްޔިތުން އެއަތޮޅަށް ތަރައްގީއާއި ކުރިއެރުން އައިސް އަތޮޅުގައި ހުރި އިގްތިސާދީ ފަހި ފުރުސަތުތަކުގެ ބޭނުން ހިފާނެ ދުވަހެއްގެ އިންތިޒާރުގައި ވަރަށް ގިނަ އަހަރުތަކެއްގެ ދިގު އިންތިޒާރެއް ވަނީ ކޮށްފައެވެ. އެ އިންތިޒާރަކަށް ނިމުމެ ނައިސް ދުވަސްތައް ހޭދަވަމުންދާއިރު، މިއަދު އެ އަތޮޅުގެ ރައްޔިތުން ތިބީ އަނެއްކާވެސް ވ އަތޮޅުގެ މުސްތަގްބަލަށް އުންމީދުކުރާ ހާލު އިތުރު ސުވާލްތަކެއް އުފައްދައިގެންނެވެ.
ވ އަތޮޅުގެ ރަށްރަށައް ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދީ، އެ އަތޮޅުން ހޯދެން އޮތް އިގްތިސާދީ ނަފާ ސަރުކާރުން ހޯދުމަށް މަސައްކަތް ކުރާނެތޯ އެ ރައްޔިތުން މިއަދުވެސް ސުވާލް ކުރެއެވެ.
ވީޓީވީގެ ގެނެސްދޭ ބޮޑު ފެންޑާ ޕްރަގްރާމްގައި ވ އަތޮޅުގައި ހުރި މައްސަލަތަކާއި ވ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ކެޔޮދޫ ދާއިރާގެ މެންބަރު އަލްއުސްތާޒް މޫސާ ނިޒާރު އިބްރާހިމް ވިދާޅުވީ ވ އަތޮޅުގައި ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ނެތުމަކީ ކަންބޮޑުވާންޖެހޭކަމެއްކަމަށެވެ.