"ހިތުން ފިލުވާލަން ވަރަށް އުދަނގޫ ކުއްޖެއް އެއީ. އޭނަގެ އުޅުމާ ކަންތައް ހުންނަ ގޮތުން އޭނަ ނެތީމަ އަޅުގަނޑަށް ވަރަށް އުދަނގޫވޭ" ރިފްއަތު އެންމެ ލޯބިވާ ދަރިފުޅުގެ ހަނދާންތައް އާކުރަމުން ބުންޏެވެ.
ރިފްއަތަކީ ހަތަރު ކުދިންގެ މަންމައެކެވެ. އެ ހުރިހާ ކުދިން ދެކެވެސް އޭނަ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އޭނަގެ ދެވަނަ ދަރިފުޅު މުންސިހު ނުވަތަ މުންސީއަށް ޚާއްސަގޮތެއް އަބަދުވެސް ހުންނަ ކަމަށް އޭނަ ބުނެއެވެ. ސަބަބަކީ އެންމެ ކުޑައިރުއްސުރެވެސް އެހެން ކުދިންނާ ތަފާތު ގޮތެއް އޭނަގެ ކިބައިގައި ހުރުމެވެ. މަންމަގެ ހުންނަ ކަހަލަ ހިތްހެޔޮކަމާއި އާއިލާ މީހުންނާ ވަރަށް ގާތްކޮށް ވާހަކަދައްކައި ގާތް ގުޅުމެއް ބޭއްވުމުގެ ސިފަ އެންމެ ބޮޑަށް ފެންނަނީ އޭނަގެ ފުށުންނެވެ.
މުންސީ ފާހަގަވެފައިވަނީ ސްކޫލު ދައުރުގައި ކާމިޔާބު ކުއްޖެއްގެ ގޮތުގައެވެ. ސްކޫލް ނިންމުމަށް ފަހު ވަޒީފާއަށް އޭނަ ދިޔައީ ރިސޯޓަކަށެވެ. އޭރު މަންމަ އައީ އޭނައާ މެދު ފޮނި އުންމީދުތަކެއް ކުރަމުންނެވެ. ނަމަވެސް ހީވެސްނުކުރާ ކަހަލަ ބަދަލުތަކެއް ދަރިފުޅަށް ކުއްލިއަކަށް އަންނަން ފެށިއެވެ. އެންމެ ފަހުން މާރާމާރީގެ މައްސަލައެއްގައި މުންސީ ހަމަސްދުވަހަށް ޖަލަށް ލެވުނެވެ.
އެންމެ ލޯބިވާ ދަރިފުޅު ޖަލުގެ ތޭރިތަކުގެ ފުރަގަހަށް ދާންޖެހުމުން ރިފްއަތު ވަރަށް ބޮޑަށް ދެރަވެ ހިތާމަކުރިއެވެ. އެފަދަ ގޮތަކަށް ދަރިފުޅުގެ އުޅުން ބަދަލުވެގެން ދިޔުމަކީ ދުވަހަކުވެސް އޭނަ އުންމީދު ކުރި ގޮތެއް ނޫނެވެ. މޮޅިވެރިކަމުގައި ދުވަސްތައް ގުނަމުން ދަނިކޮށް ޖަލުން ސަލާމަތްވެގެން މުންސީ ނިކުތްއިރު ހުރީ މުޅިން ތަފާތު މީހަކަށް ބަދަލުވެފައެވެ.
"ޖަލުން ސަލާމަތްވެގެން އައިސް ބުނީ މަންމާއޭ ޖަލުގައި ހުރިއިރު ވަރަށް ބިރުގަތޭ. ގުރުއާން ތަރުޖަމާ އެއްކޮޅުން އަނެއް ކޮޅަށް ކިޔައިނިމުނީމަ މުޅިން ހިތް ބަދަލުވެއްޖެޔޭ" ދަރިފުޅަށް އައި ބޮޑު ބަދަލު، ހައިރާންކަމާއެކު ރިފްއަތު ކިޔައިިދިނެވެ.
އޭގެ ފަހުން މުންސީ ފެންނަން ފެށީ ދީނަށް ވަރަށް ފަރުވާތެރި، ހެޔޮލަފާ ޒުވާނެއްގެ ގޮތުގައެވެ. މާގިނަ ދުވަހެއް ނުވެ ރަށަށް ގޮސް މީހަކާ އިނދެގެން ގޮވައިގެން މާލެ އަތުވެއްޖެއެވެ. ރިފްއަތު ބުނީ އެވަރުގެ ރަގަޅު ދަނބިދަރިއަކު ނުލިބޭނެ ކަމަށެވެ. ދަރިފުޅެކޭ އެއްގޮތަށް ދަނބިދަރިއަކީވެސް ދީނަށް ފަރުވާތެރި ކުއްޖެއް ކަމަށެވެ. ދެކުދިން ކައިވެނި ކުރިއިރުވެސް އަންހެން ކުއްޖާ ހުރީ ބުރުގާ އަޅައިގެންނެވެ. އަދި ފަހުން އޭނަ ވަނީ މޫނުބުރުގާވެސް އަޅާފައެވެ.
ޒަވާޖީ ހަޔާތް ފެށުމަށްފަހު މުންސީ އުޅުނީ މާލޭގެ ފިހާރައެއްގެ ވަޒީފާގައެވެ. މާގިނަ ދުވަހެއް ނުވެއެވެ. ރިފްއަތަށް ދެން އިވުނީ ދެމަފިރިން "ހިމަންދޫއަށް" ދިޔަ ޚަބަރެވެ. އެކަމާ ސުވާލުކުރުމުން ބުނީ ރައްޓެއްސަކާ އެކު އެރަށަށް ޒިޔާރަތްކޮށްލީ ކަމަށެވެ. އަންހެނުން މޫނުބުރުގާ އެޅުމުން އާއިލާއާއެކު ދިރިއުޅުމަށް ދަތިވާތީ މުންސީ ވަނީ ފަހުން އަންހެނުން ގޮވައިގެން ވަކިން ތަނަކަށް ބަދަލުވެފައެވެ. ނަމަވެސް މަންމަ ކައިރިއަށް ކޮންމެދުވަހަކުވެސް ދެމަފިރިން ޒިޔާރަތް ކުރެއެވެ.
މިހެން އުޅެމުން އައިސް ދެމަފިރިން އަމިއްލަ ރަށަށް ދަތުރެއް ކޮށްލުމަށް ފަހު، އެނބުރި މާލެ އައިސް މަންމަ ގާތު ބުނީ ލަންކާއަށް ދާން ޖެހިއްޖެ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ ދަރިއަކު ހޯދުމުގެ ވާހަކައެވެ. ޑޮކްޓަރުގެ ލަފާގެ މަތިން ރާއްޖެއިން ބޭރަށް ދަނީ ކަމަށެވެ. ޖެހިގެން އައި ދުވަހުގެ ރޭ ދެމަފިރިން ފުރައިގެން ދިޔައީ ވަރަށް ބޮޑަށް ރޮއިހަދާފައެވެ.
"މުންސީ ހުރީ ވަރަށް ބޮޑަށް ފެންކަޅިވެފައި. ބައްދާލާފައި، ގެއިން ސަލާންކޮށްފައި ދިޔައީ. އެކަމަކު އަނެއްކާ އެހެން ގެއެއްގައި އަޅުގަނޑު ހުއްޓާ އެ ގެއަށް ގޮސްވެސް ބައްދަލުކޮށްފައި ދިޔައީ. ބުނީ މަންމާއޭ އެންމެ ފަހު ވަގުތުވެސް މަންމަ ދެކިލާފައި ދާންވެގެންނޭ" ބަސްހުއްޓެމުން، ކަރުނައިން ފުރިގެން އިނދެ ރިފްއަތު ކިޔައިދެމުން ދިޔައެވެ.
ފުރައިގެންދިޔަ ގޮތަށް އެމީހުންގެ ޚަބަރެއްވީ ތިންވަނައަށް ވީ ދުވަހުއެވެ. ބުނީ އަނބުރާ މާލެ އާދެވޭނެ ދުވަހެއްވެސް ނޭނގޭ ކަމަށާއި އެމީހުން އުޅުނު ކޮޓަރީގައި ހުރި އެއްޗެހި ގެއަށް ގެންދިއުމަށެވެ. އޭގެ ދެތިން ދުވަސް ފަހުން މީހަކު ވަނީ ގުޅާފައި އެދެމީހުން ގެންގުޅުނު ސިމްކާޑު އާއިލާއާ ހަވާލުކޮށްފައެވެ. ދެން ލިބުނީ ދެމަފިރިން "ހަނގުރާމައަށް ސީރިޔާއަށް" ދިޔަ ޚަބަރެވެ. ރިފްއަތަށް އެޚަބަރު ދިނީ އޭނަގެ އަންހެން ދަރިފުޅެވެ.
"ޝިރޫ އޮޅުލައިގެންފައި ބުނަނީ މަންމާއޭ ކެތްތެރިވާންޖެހޭ ވަގުތު ކެތްތެރިވާން ޖެހޭނެއޭ. ތިމަންނަމެން މަތިން މުންސީ އަލްވަދާއު ކިޔާލައިފިއޭ. އަހަރެން ވަގުތުން ރޮވިގެން ވެއްޓިއްޖެ" ގިސްލައިގިސްލާފައި ރިފްއަތު ކިޔައިދިނެވެ.
ހަމައެރޭ، އެމީހުން އުޅުނު ކޮޓަރީގައި ހުރި އެއްޗެހި ބަލައި އާއިލާއިން ދިޔައެވެ. ހުރިހާ އެއްޗެއްވެސް ހުރީ ފޮށިފޮށިގަނޑަށް އަޅައި ބަންދުކޮށްފައެވެ. އެރޭ އާއިލާއިން ވަނީ މިހުރިހާ ކަމެއް ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
އޭގެ ފަހުން ޚަބަރެއްނުވެ ހަފުތާއެއް ފަހުން އެމީހުންގެ ޚަބަރުވާން އަނެއްކާވެސް ފެށިއެވެ. އޮންލައިނުން ދެމަފިރިންވެސް އާއިލާއާ ވާހަކަ ދައްކަން ފެށިއެވެ. ދެމަފިރިން ސީރިޔާއަށް ދިއުމަށްފަހު ފިރިހެން ކުއްޖާ ފުރަތަމަ ދިޔަ ކަމަށް ވަނީ އިރާގު ހަނގުރާމައަށެވެ.
"އެެއް ދުވަހަކު ގުޅާފައި ބުނީ މަންމާއޭ އަދި އުމުރުގައި ތަންހުރީމަ ކަންނޭނގެއޭ. ވަރަށް ކުޑަތަންކޮޅަކުންނޭ ސަލާމަތްމިވީ" ރިފްއަތު ބުންޏެވެ.
އޭގެ ފަހުން މުންސީ ދިޔައީ ސީރިޔާގެ ހަނގުރާމަ ވަރަށް ހޫނު ހިސާބަކަށެވެ. އެތަނަށް ދިޔަ ފަހުން އޭނަގެ ޚަބަރެއް އާއިލާއަކަށް ނުވެއެވެ. ދެން އިވުނީ މަންމައެއްގެ ހިތަށް އެންމެ އަސަރުކުރުވާނެ ވާހަކައެވެ.
"ޝިރޫ ރޮއިގެންފައި ބުނީ މަންމައޭ މުންސީ މިދުނިޔެއާ އަލްވަދާއު ކިޔައިފިއޭ. އަޅުގަނޑަަކަށް ނޭނގެ ދެން ވީގޮތެއް" ރިފްއަތުގެ ލޯބިވާ ދަރިފުޅު ގެއްލިގެންދިޔަ ގޮތް ކިޔައިދިނެވެ.
ރިފްއަތަށް އޭނަގެ ދަރިފުޅުގެ މަރުގެ ޚަބަރު ލިބުނީ މަރުވި ކަމަށްބުނާތާ ތިން ދުވަސް ފަހުންނެވެ. މުންސީ ގަޔަށް ވަޒަންއަރައި މަރުވެފައި އޮއްވާ ނަގާފައިވާ ފޮޓޯއެއް ކަމަށް ބުނާ ފޮޓޯއެއް އާއިލާއަށް ވަނީ ލިބިފައެވެ. އަދި އޭނަ ލައިގެން ހުރި ހެދުމާއި އަތުކުރީގައި އޮތް ގަޑިވެސް އަންހެނުންނަށް ލިބުނު ކަމަށް ބުނެއެވެ. އޭނަގެ އަންހެނުން އަދިވެސް ހުރީ ސީރިޔާގައި ކަމަށް އާއިލާއިން ބުނެއެވެ.
ރިފްއަތު ބުނީ ދަރިފުޅު ކަން ކުރީ ރަގަޅަށް ނޫންކަން ވިސްނައިދޭން ވަރަށް މަސައްކަތް ކުރި ކަމަށެވެ. އަދި މަންމަ ކައިރިއަށް އެނބުރި އާދޭތޯވެސް އެތައް އާދޭހެއްވެސް ކުރި ކަމަށެވެ.
"މަންމަ ކައިރީގައި ދަރިފުޅު ހުންނަން އެންމެ ބޭނުންވި ދުވަހު މަންމަ ދޫކޮށްލާފައި ދިޔައީމަ ވަރަށް ދެރަވޭ. މިއަދު ދަރިފުޅު މަންމަ ކައިރީގައި ހުންނަން އަބަދުވެސް ބޭނުންވެއޭ. އަމުދުން މިފަދަ ގޮތަކަށް ދަރިފުޅު ވަކިވެގެން ދިޔުމަކީ މަންމަ ދުވަހަކުވެސް އުންމީދު ކުރި ގޮތެއް ނޫން" މިއަދުވެސް ދަރިފުޅު ގާތު ބުނެލަން އެންމެ ބޭނުންވާ ޖުމްލަ ރިފްއަތު ބުންޏެވެ.
ދަރިފުޅު ވަކިވެގެން ދިޔަތާ ދެއަހަރު ވީއެވެ. މިއަދު ރިފްއަތަށް ވެސް ވަނީ "ހަނގުރާމައަކާ" ކުރިމަތިލާން މަޖުބޫރުވެފައެވެ. އެއީ އޭނަގެ ލޯބިވާ ދަރިފުޅުގެ ހަނދާންތަކާ އެވެ. އެ ހަނދާންތަކަށް ނިމުމެއް ނެތެވެ. މުންސީގެ މަރުގެ ޚަބަރަށްފަހު ރިފްއަތު ވަނީ ވަރަށް ބޮޑަށް ނަފްސާނީގޮތުން ބަލިކަށިވެފައެވެ.
ރިފްއަތު ބުނީ އެންމެ ލޯބިވާ ދަރިފުޅު މިއަދު ލޯމަތިން ގެއްލިގެންގޮސްފައިވާއިރު އެ ދަރިފުޅު މަރުވީކަން ނުވަތަ ނޫންކަން ވެސް ކަށަވަރުވާނެ ގޮތެއް ނެތް ކަމަށެވެ. އަދި ބުނީ މިއަދު އޭނަގެ ހިތުގައި އަޅާ ވޭނުގެ ޒިންމާ ނަގަންޖެހޭ ބަޔަކު ރާއްޖޭގައި ވެސް އެބަތިބި ކަމަށެވެ. ސީރިޔާއާ ހަމައަށް އެދަރިފުޅަށް ދެވުނީ ކޮންމެވެސް ބަޔަކު އެކަމަށް ހިތްވަރުދީ އޭނަ އެހިސާބަށް ދިއުމަށް ވާގިވެރިވެގެން ކަމަށް ރިފްއަތު ބުނެއެވެ.
މިއީ އެންމެ މަންމައެއްގެ ވާހަކައެވެ. މިފަދަ ކިތައް މަންމަ މިއަދު މިފަސްގަނޑުގައި އެބަތިބިތޯއެވެ؟