ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ސިފައިން އަތުން މާޒިޔާ މޮޅުވެ، މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ޓާފް އެއްނަން ބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗް މާޒިޔާއިން ކާމިޔާބު ކުރީ ފަހަތުން އަރައި 2-1 ލަނޑުންނެވެ.

މެޗުގައި ސިފައިންގެ ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ނަސީރު އެވެ. އަދި މާޒިޔާގެ ލަނޑު ތައް އެޓީމަށް ކަމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ރިޒާގެ އިތުރުން އިބްރާހިމް ޝާފިއުއެވެ.

މިމުބާރާތުގައި މިފަހަރު ހަތް ޓީމެއް ވަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އެ ހަތް ޓީމު ދެ ގްރޫޕަށް ބަހާލުމަށް ފަހުއެވެ. އެގޮތުން މިމުބާރާތުގެ ގްރޫޕް އޭގައި ހަތަރު ޓީމް ހިމެނޭއިރު ގްރޫޕް ބީގައި ހިމެނެނީ ތިން ޓީމެވެ.

މިމުބާރާތުގައި މާދަމާ ހަވީރު 4:30 ގައި ބައްދަލުކުރާނީ ގްރޫޕް އޭ ފަޅީގެ ދެ ޓީމް ކަމަށްވާ ބީޖީ އާއި ވެލެންސިއާ އެވެ. މި ދެ ޓީމު ވެސް ވަނީ މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ.

މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ ވިކްޓަރީ، ވެލެންސިއާ، ބީޖީ ސްޕޯޓްސް، ނިއު، މާޒިޔާ، ޔުނައިޓެޑް ވިކްޓަރީ އަދި ދިވެހި ސިފައިންގެ ކްލަބެވެ.