ތިން ހަފްތާގެ މެނދުކެޑުމަކަށް ފަހު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަންއިން ކާމިޔާބުކޮށް، ލީގް ތާވަލްގެ ކުރީގައި އަނެއްކާވެސް ހަމަޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 10:00ގައި ކުޅުނު މިމެޗުން މާޒިޔާ މޮޅުވީ ލީގުގެ ފުލުގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބާ ވާދަކޮށް 2-1 ލަނޑުންނެވެ.

މިރޭގެ މެޗުގައި މާޒިޔާގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުހައްމަދު އުމެއިރެވެ. އަދި ވިކްޓަރީން ޖެހި ހަމައެކަނި ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބިދޭސީ ފޯވާޑް އޮމޮޑު އެވެ.

މިރޭގެ މެޗުން މޮޅުވެ، ލީގުގެ އެއްވަނަ މަގާމްގައި މާޒިޔާ އޮތީ 12 ޕޮއިންޓް ހަމަކޮށްގެންނެވެ. އަދި ލީގުގެ ދެ ވަނަ މަގާމްގައި ހަތް ޕޮއިންޓާއެކު އޮތީ މާޒިޔާއަށް ވުރެ އެއްމެޗު މަދުން ކުޅެފައިވާ އީގަލްސް އެވެ. އަދި މިރޭގެ މެޗުން ބަލިވި ވިކްޓަރީ އޮތީ ޕޮއިންޓެއް ނެތި ލީގުގެ ފުލުގަ އެވެ.

ލީގުގައި މާދަމާރޭ 10:00ގައި ބައްދަލު ކުރާ ދެޓީމަކީ އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.