މޯލްޑިވްސް ސޮކަ މޭޓްސް އިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްދާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ވެލެންސިއާ ޖާގައެއް ހޯދައިފި އެވެ.

ވެލެންސިއާ ދެވަނަ ބުރުން ޖާގައެއް ހޯދީ މިއަދު ހަވީރު ބީޖީ އަތުން ފަސޭހަ ކަމާއެކު 4-1 ލަނޑުން މޮޅުވެގެން ނެވެ.

އެފްއޭއެމްގެ ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ވެލެންސިއާގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް މައުސޫމް އަބްދުލް ގަފޫރު (މާސޭ) އާއި އިސްމާއިލް އަނިލް އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިސްމާއިލް މުހައްމަދު (އިއްސޭ) އަދި މުހައްމަދު ރަމީޒް އެވެ.

ބީޖީގެ ހަމައެކަނި ލަނޑު މެޗުގެ ފަހު ވަގުތުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އާދަމް ލަރީފް (ރޮނާ) އެވެ.

މި މެޗުގެ ދެ ވަނަ ހާފްގައި ވެލެންސިއާގެ ޔޫސުފް އަޒީމް (ޔޫއްޓޭ) އަށް ބީޖީގެ އިމްރާން ވާފިރު ފައުލް ކުރުމާއި ގުޅިގެން ރެފްރީ ވަނީ އޭނައަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އެހެން ކަމުން މެޗުގެ ބާކީ ބައި ބީޖީއިން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ.

މިއަދުގެ މެޗުން ވެލެންސިއާ މޮޅުވެ، ދެ ވަނަ ބުރުން ޖާގަ ހޯދިއިރު، އެޓީމް ވަނީ މީގެ ކުރިން މިމުބާރާތް ހަތަރު ފަހަރު ކާމިޔާބު ކޮށްފަ އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު 4:30 ގައި ބައްދަލުކުރާނީ ވިކްޓަރީ އާއި ނިއު ރޭޑިއަންޓެވެ.