މޯލްޑިވްސް ސޮކަ މޭޓްސް އިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްދާ ވެޓެރަންސް ކަޕް ފުޓްބޯޅަ އިއްޔެ ހަވީރު ޔުނައިޓެޑް ވިކްޓަރީ އަތުން 2-1 ލަނޑުން ދިވެހި ސިފައިންގެ ކުލަބް މޮޅުވެއްޖެ އެވެ.

އެފްއޭއެމްގެ ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗުގައި ސިފައިންގެ ޓީމުގެ ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސަލީމް ހުސެއިން އެވެ.އަދި ޔުނައިޓެޑް ވިކްޓަރީގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކުރީ އަބްދުﷲ ވަހީދު (ބިންމާ އައްލޯ) އެވެ.

އިއްޔެގެ މެޗުން ސިފައިން މޮޅުވިއިރު، މިމުބާރާތުގައި އެޓީމް ކުޅުނު ފުރަތަމަ މެޗުން ވަނީ މާޒިޔާ އަތުން 2-1 ލަނޑުން ބަލިވެފައެވެ.

ތިން ޓީމު ވާދަކުރާ މި ގްރޫޕުގެ އެއް ވަނަ އާއި ދެ ވަނަ އަށް ދާ ދެ ޓީމަށް ދެ ވަނަ ބުރުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ތިން ވަނަ ޓީމު ޖެހޭނީ ގްރޫޕް އޭގެ ހަތަރު ވަނަ ޓީމާ ދެކޮޅަށް ޕްލޭ އޮފް މެޗެއް ކުޅޭށެވެ.

މިމުބާރާތުގައި މިއަދު ހަވީރު 4:30 ގައި ބައްދަލުކުރާ ދެޓީމަކީ ވެލެންސިއާ އާއި ނިއު އެވެ.