މޯލްޑިވްސް ސޮކަ މޭޓްސް އިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްދާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗް ވެލެންސިއާއިން ކާމިޔާބުކޮށް ގްރޫޕް އޭގެ އެއް ވަނަ ހޯދައިފި އެވެ.

އެފްއޭއެމްގެ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ވެލެންސިއާ ކާމިޔާބުކުރީ ނިއުއާ ވާދަކޮށް 3-1 ލަނޑުންނެވެ. ވެލެންސިއާ އަށް ގްރޫޕްގެ އެއް ވަނަ ލިބުނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. މިއަދުގެ މެޗަށް ނުކުތްއިރު ވެސް އެ ޓީމަށް ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފަ އެވެ.

ވެލެންސިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި އެޓީމުގެ ލަނޑު ތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ދެ ލަނޑު ކާމިޔާބު ކޮށްދިން ނިހާން ނަސީރާއި އިސްމާއިލް މުހައްމަދު(އިއްސޭ) އެވެ. އަދި ނިއުގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މުހައްމަދު ޒެނިތެވެ.

މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެލެންސިއާގެ ނިހާން ނަސީރު އެވެ.

މިއަދު ފެށި މިމުބާރާތުގައި މިފަހަރު ހަތް ޓީމެއް ވަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އެ ހަތް ޓީމު ދެ ގްރޫޕަށް ބަހާލުމަށް ފަހުއެވެ. އެގޮތުން މިމުބާރާޓުގެ ގްރޫޕް އޭގައި ހަތަރު ޓީމް ހިމެނޭއިރު ގްރޫޕް ބީގައި ހިމެނެނީ ތިން ޓީމެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ދެ ވަނަ ބުރުގެ ސީދާ ޖާގައެއް ލިބޭނީ ގްރޫޕް އޭގެ ތިން ޓީމާއި ގްރޫޕް ބީގެ ދެ ޓީމަށެވެ. ދެ ވަނަ ބުރުގެ ފަހު ޖާގަ ލިބޭނީ ގްރޫޕް އޭގެ ހަތަރު ވަނަ އާއި ގްރޫޕް ބީގެ ތިން ވަނަ ޓީމު ބައްދަލުކުރާ ޕްލޭ އޮފް މެޗުން މޮޅުވާ ޓީމަކަށެވެ. އަދި ދެ ވަނަ ބުރު ކުޅުމަށް ހަމަޖެހިފައި ވަނީ ވެސް ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށް ވީއިރު، ދެ ވަނަ ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ފުރަތަމަ ބުރުން ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ތިން ވަނަ ޓީމުގެ އިތުރުން ގްރޫޕް ބީގެ ދެ ވަނަ ޓީމެވެ. އަނެއް ގްރޫޕްގައި ހިމެނެނީ ފުރަތަމަ ބުރުގެ ގްރޫޕް ބީގެ އެއް ވަނަ ޓީމާއި ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ އިތުރުން ޕްލޭ އޮފް މެޗުން މޮޅުވާ ޓީމެކެވެ. ދެ ވަނަ ބުރުގެ ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެއް ސެމީއަށް ދަތުރުކުރާނެވެ.

މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ ވިކްޓަރީ، ވެލެންސިއާ، ބީޖީ ސްޕޯޓްސް، ނިއު، މާޒިޔާ، ޔުނައިޓެޑް ވިކްޓަރީ އަދި ދިވެހި ސިފައިންގެ ކްލަބެވެ.

މުބާރާތުގައި މާދަމާ ހަވީރު 4:30 ގައި ބައްދަލުކުރާ ދެ ޓީމަކީ ވިކްޓަރީ އާއި ބީޖީ އެވެ.