ތުރުކީ އަކީ މޮޅުޓީމެއް ކަމަށާއި މިރޭގެ މެޗަށް ނިކުންނަ އިރު އަމާޒަކީ 3 ޕޮއިންޓް ހޯދުން ކަމަށް ސްޕެއިންގެ ކޯޗު ޑެލް ބޮސްކޭ ބުނެފިއެވެ.

ޔޫރޯ މުބާރާތުގައި ސްޕެއިން މީގެ ކުރިން އެއް މެޗު ކުޅެފައިވާއިރު ޗެކްރިޕަބްލިކް އަތުން މޮޅުވީ ފަހުވަގުތު ޕީކޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސްޕެއިންގެ ކޯޗު ޑެލް ބޮސްކޭ ބުނީ ކުރީ މެޗުގައި މޮޅަށް ކުޅުނީ ސްޕެއިންޓީމުން ކަމަށެވެ. އަދި މިރޭ ވެސް ނިކުންނާނީ 3 ޕޮއިންޓު ހޯދުމުގެ އަޒުމުގައި ކަމަށެވެ. ޑެލް ބޮސްކޭ ބުނީ ތުރުކީ އަކީވެސް މޮޅު ޓިމެއްކަމަށާއި އެޓީމުން ކުޅެނީވެސް މޮޅު ކުޅުމެއް ކަމަށެވެ.

"ތުރުކީ ޓީމުގައި ނަތީޖާ ބަދަލު ކޮށްލެވޭނެ ވަރުގެ ކުޅުންތެރިން އެބަތިބި. ސްޕްއިން އިން އެހުރިހާ ކަމަކާއި މެދުވެސް ވިސްނާނެ." ޑެލް ބޮސްކޭ ބުންޏެވެ.

މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ތުރުކީގެ ކޯޗު ފާތިހު ތެރިމް ބުނީ ސްޕެއިންގެ ކުޅުން ދަންނަ ކަމަށާއި މިރޭގެ މެޗުގައި ތުރުކީއިން ކުޅޭނީ މުޅިން އަމިއްލަ ގޭމެއް ކަމަށެވެ. ފާތިހު ބުނީ ސްޕެއިން ބަލިކުރަން ބޭނުންވަނީ ވަރުގަދަޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށެވެ.

ތުރުކީ އަށް ސްޕއިން ބަލި ނުކުރެވޭތާ 52 އަހަރު ފާއިތުވެގެން ގޮސްފައިވާއިރު މި މެޗުގައި މިރޭ ސްޕެއިން ނިކުންނާނީ އެ ރެކޯޑް ދެމެހެއްޓުމަށެވެ. މި މުބާރާތުގައި ތުރުކީއިން ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާއިރު މި މެޗު ވެގެންދާނީ މުބާރާތުގައި ކުރިއަށް ދިޔުމަށް ތުރުކީއަށް ވަރަށް މުހިއްމު މެޗަކަށެވެ.

ތުރުކީ އާއި ސްޕެއިން ބައްދަލު ކުރާ މެޗު ފަށާނީ ރައްޖެ ގަޑިން މިރޭ 12:00 ގައެވެ.