މޯލްޑިވްސް ސޮކަ މޭޓްސް އިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްދާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗް ބީޖީ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށް ދެ ވަނަ ބުރުން ޖާގައެއް ހޯދައިފި އެވެ.

އެފްއޭއެމްގެ ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗް ބީޖީއިން ކާމިޔާބު ކުރީ ވިކްޓަރީއާ ވާދަކޮށް 3-0 ލަނޑުންނެވެ. މިއަދުގެ މޮޅާ އެކު ބީޖީ ދެ ވަނަ ބުރުން ޖާގަ ހޯދީ ގްރޫޕްގެ ތިން ވަނަ ޓީމުގެ ގޮތުގައި ތިން ޕޮއިންޓާއެކު އެވެ. އަދި މެޗުގައި ބީޖީގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ މުހައްމަދު ޝިފާއު އާއި މުހައްމަދު ޝާޒްލީ (ޝާޒް) އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާދަމް ލަރީފް (ރޮނާ) އެވެ.

ގްރޫޕް އޭ ފަޅިން ދެ ވަނަ ބުރަށް ބީޖީ ދަތުރުކޮށްފައި ވާއިރު، މި ގްރޫޕުން ދެން ދެ ވަނަ ބުރަށް ދަތުރު ކުރި އަނެއް ދެ ޓީމަކީ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނަ ހޯދި ވެލެންސިއާ އާއި ހަ ޕޮއިންޓު ހޯދި ނިއު އެވެ.

މިއަދު ބީޖީ އަތުން ބަލިވެ، ގްރޫޕްގެ އެންމެ ފުލަށް ވެއްޓުނު ވިކްޓަރީއަށް ދެން ޖެހޭނީ ޕްލޭ އޮފް ކުޅޭށެވެ. ޕޮއިންޓެއް ނެތި ގްރޫޕްގެ އެންމެ ފުލުގައި އޮތް ވިކްޓަރީ ޕްލޭ އޮފްގައި ކުޅެން ޖެހޭނީ ގްރޫޕް ބީގެ ތިން ވަނަ ޓީމާ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ދެ ވަނަ ބުރުން ޖާގަ ލިބޭނެ އެވެ.

މިފަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމެއް މިފަހަރު ވާދަކުރެއެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ ވިކްޓަރީ، ވެލެންސިއާ، ބީޖީ ސްޕޯޓްސް، ނިއު، މާޒިޔާ، ޔުނައިޓެޑް ވިކްޓަރީ އަދި ދިވެހި ސިފައިންގެ ކްލަބެވެ. މުބާރާތުގެ ގްރޫޕް އޭގައި ހަތަރު ޓީމް ހިމެނޭއިރު ގްރޫޕް ބީގައި ހިމެނެނީ ތިން ޓީމެވެ

މިމުބާރާތުގައި މާދަމާ ހަވީރު 4:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ގްރޫޕް ބީ ފަޅީގެ ޔުނައިޓެޑް ވިކްޓަރީ އާއި މާޒިޔާއެވެ. މިއީ މިމުބާރާތުގެ ފުރަތަމަ ބުރުގެ އެންމެ ފަހު މެޗެވެ.