މޯލްޑިވްސް ސޮކަ މޭޓްސް އިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްދާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި އިއްޔެ ކުޅުނު މެޗް މާޒިޔާއިން ކާމިޔާބުކޮށް، މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

އެފްއޭއެމްގެ ޓާފް އެއްނަންބަރު ދަނޑުގައި ކުޅުނު މިމެޗް މާޒިޔާއިން ކާމިޔާބު ކުރީ ޔުނައިޓެޑް ވިކްޓަރީއާ ވާދަކޮށް 1-0 ލަނޑުންނެވެ. މިމެޗުން ލިބުނު މޮޅާއެކު މާޒިއާއަށް ވަނީ ގްރޫޕްގެ އެއް ވަނަ ވެސް ލިބިފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި މާޒިޔާގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުލް ވައްހާބު (ވައްކޭ) އެވެ. މާޒިޔާގެ އިތުރުން މިގްރޫޕުން ދެ ވަނަ ބުރަށް ދެން ދަތުރު ކުރި އަނެއް ޓީމަކީ ގްރޫޕްގެ ދެ ވަނަ ހޯދި ދިވެހި ސިފައިންގެ ކުލަބެވެ.

އަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ދެ ވަނަ ބުރުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ދެ ވަނަ ބުރުގެ ގްރޫޕް އޭ ގައި ހިމެނެނީ ވެލެންސިއާ އާއި ބީޖީ އަދި ސިފައިންނެވެ. އަދި ގްރޫޕް ބީގައި މާޒިޔާ އާއި ނިއު ރޭޑިއަންޓްގެ އިތުރުން ޕްލޭ އޮފް މެޗުން މޮޅުވާ ޓީމެކެވެ. ޕްލޭ އޮފް މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ދެޓީމަކީ ގްރޫޕް އޭގެ ފުލަށް ދިޔަ ވިކްޓަރީ އާއި ގްރޫޕް ބީގެފުލަށް ދިޔަ ޔުނައިޓެޑް ވިކްޓަރީ އެވެ.