އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމް ގައި މިވަގުތު އޮތް މާޒިޔާއާ ދެމެދު އޮތް ފަރަގު ކޮޑަކޮށްލުމަށް ކުލަބް އީގަލްސްއަށް ރޭ ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

އެފުރުސަތު އީގަލްސްއަށް ގެއްލުނީ ލީގުގައި ރޭ ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗް ދެ ޓީމް ކުރެ އެއްޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިއީ މި ފަހަރުގެ ސީޒަނުގައި އީގަލްސް ކުޅުނު ފަސް މެޗުގެ ތެރެއިން ލަނޑެއް ނުޖެހި އެޓީމް އެއްވަރުވި ތިން ވަނަ މެޗެވެ.

ލީގުގެ އެއް ވަނަ މަގާމްގައި މާޒިޔާ އޮތީ 13 ޕޮއިންޓާއެކު އެވެ. އަދި ދެ ވަނަ މަގާމްގައި އީގަލްސް އޮތީ ނުވަ ޕޮއިންޓާއެކު އެވެ. ރޭގެ މެޗުން މޮޅުވިނަމަ މާޒިޔާއާ ދެ ޕޮއިންޓަށް ގާތަށް ޖެހިލުމުގެ ފުރުސަތު އީގަލްސް އަށް އޮތެވެ. ނަމަވެސް އެއްވަރުވުމުން ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް އަށް ދެ ވަނަ އަށް އެރުމަށް ވަނީ ފުރުސަތު ލިބިފަ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ޓީސީ އާއި ވެލެންސިއާ އެވެ.