އެފްއޭއެމްއިން އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވާ މިނިވަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެފްއޭއެމްއިން ބުނީ، މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލިއިރު، މުބާރާތް މިފަހަރު ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މިނިވަން 50 ފުޓްބޯޅަ މުބާރާތާ ހިލާފަށް މި އަހަރުގެ މުބާރާތުގެ އަތޮޅު ބުރުގެ ކުރިއަށްދާނީ ކޮންމެވެސް އެއް ރަށެއްގައި ކަމަށާއި އެކަމަކު މިދިޔަ އަހަރު އަތޮޅު ބުރު ކުޅުނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށެވެ. އަދި މި ފަހަރު ވެސް އަތޮޅު ޗެމްޕިއަނުންގެ މެދުގައި ކުޅޭ ޒޯން މުބާރާތުން ފެށިގެން ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށް ވެސް އެފްއޭއެމް އިން މައުލޫމާތު ދެއެވެ.

އެފްއޭއެމުން ބުނީ މިދިޔަ އަހަރު އެކި ޓީމްތަކުގެ ފަރާތުން ގިނަ ޝަކުވާތަކެއްވެސް ހުށަހެޅުނު ކަމަށާއި މިފަހަރު މުބާރާތް ކުރިއަށް ގެންދާނީ އެހުރިހާ ކަމަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

މީގެއިތުރުން އެފްއޭއެމުން ބުނީ އަތޮޅުގެ ރަށްތަކުގެ މެދުގައި ކުޅޭ ބުރު ހޯމް އެންޑް އަވޭ އުސޫލުން ނުކުޅެން މި ފަހަރު ނިންމީ ހަރަދުގެ ގޮތުންނާއި އެހެން ގޮތްގޮތުން ބެލުމަށް ފަހު ގިނަ ޓީމުތަކަށް އެއީ އުފުލަން އުނދަގޫ ބުރައަކަށް ވާނެތީ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

އެފްއޭއެމުން ބުނީ މުބާރާތުގައި ބައިވެރިވާ ރަށްތަކުން ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހު މުއްދަތަކީ މި މަހު 26 ވަނަ ދުވަހު 15:00ގެ ކުރިން ކަމަށެވެ. އަދި މުބާރާތަށް ޓީމު ލިސްޓުތައް ހުށަހަޅާއިރު ޓީމުގައި 21 އަހަރުން ދަށުގެ ހަތް ކުޅުންތެރިން ހިމަނަން ޖެހޭނެ ކަމަށް ވެސް އެފްއޭއެމުން ޝަރުތުކުރެ އެވެ. އަދި މުބާރާތުގައި ޓީމުތައް ބައިވެރިވުމުން އެ އަތޮޅެއްގެ މުބާރާތް ބާއްވާނެ ތާރީހެއް އިއުލާން ކުރެވޭނެ ކަމަށް ވެސް އެފްއޭއެމުން ބުނެ އެވެ.

މިދިޔަ އަހަރު ބޭއްވި މިނިވަން 50 ޗެމްޕިއަންޝިޕްގައި 20 އަތޮޅަކުން 74 ރަށެއް ބައިވެރިވި ސ. ފޭދޫ ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.