ޕްލޭ އޮފް މެޗުގައި ޕެނަލްޓީ ޖަަހައިގެން ވިކްޓަރީ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީއިން ވެޓެރަންސް ކަޕްގެ ދެ ވަނަ ބުރުގެ ފަހު ޖާގަ ހޯދައިފި އެވެ.

އެފްއޭއެމްގެ ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 2-2 ލަނޑުން އެއްވަރުވެފަ އެވެ. އެހެން ކަމުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާގެނެނެވެ. ޕެނަލްޓީގައި ޔުނައިޓެޑް ވިކްޓަރީ ކުރި ހޯދާފައި ވަނީ 6-5 ލަނޑުންނެވެ.

މިމުބާރާތުގެ ދެ ވަނަ ބުރުގެ ކުޅުން މިއަދު ހަވީރު4:30 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މިމެޗުގައި ބައްދަލުކުރާނީ ވެލެންސިއާ އާއި ސިފައިންނެވެ.

މި މުބާރާތުގެ ދެ ވަނަ ބުރުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ވެލެންސިއާ އާއި ސިފައިން އަދި ބީޖީ އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ނިއު އާއި މާޒިޔާ އަދި ޔުނައިޓެޑް ވިކްޓަރީ އެވެ.