މޯލްޑިވްސް ސޮކަ މޭޓްސް އިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްދާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން ވެލެންސިއާ މޮޅުވެއްޖެއެވެ.

އެފްއޭއެމްގެ ޓާފް އެއްނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗުން ވެލެންސިއާ މޮޅުވީ ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް 1-0 ލަނޑުންނެވެ. މެޗުގައި ވެލެންސިއާގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މިޑްފީލްޑަރު އިސްމާއިލް މުހައްމަދު (އިއްސޭ) އެވެ.

މިއަދުގެ މޮޅާއެކު ވެލެންސިއާއިން ވަނީ ސެމީގެ ފުރުސަތު ބޮޑު ކޮށްފައެވެ. ދެ ވަނަ ބުރުގެ ދެ ވަނަ މެޗުގައި ވެލެންސިއާ ދެން ނުކުންނާނީ ބީޖީއާ ދެކޮޅަށެވެ. އެމެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ވެލެންސިއާއަށް ސެމީއިން ޖާގަ ލިބޭނެއެވެ.

މި މުބާރާތުގެ ދެ ވަނަ ބުރު ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ވެލެންސިއާ އާއި ސިފައިން އަދި ބީޖީ އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ނިއު އާއި މާޒިޔާ އަދި ޔުނައިޓެޑް ވިކްޓަރީ އެވެ.

މިމުބާރާތުގެ ދެ ވަނަ ބުރުގައި މާދަމާ ހަވީރު 4:30 ގައި ބައްދަލުކުރާ ދެ ޓީމަކީ ނިއު އާއި މާޒިޔާ އެވެ.