އިސްތަމްބޫލްގެ އަތާތުރްކް އިންޓަރނޭޝަނަލް އެއަރޕޯޓަށް ރޭގައި ދެވުނު ޖާނުންފިދާވުމުގެ ވަރުގަދަ ތިން ހަމަލާއިން، ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ރިތިކް ރޯޝަން ސަލާމަތްވީ ހަމަ ކިރިޔާކަމަށް ބުނެފިއެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ބުނެފައިވަނީ، އެއަރޕޯޓަށް ހަމަލާތައް ދިނުމުގެ މަދު ވަގުތުކޮޅެއް ކުރިން ރިތިކް ރޯޝަން އެއަރޕޯޓްގައި ނުފުރިފައި ހުރި ކަމަށެވެ.

ރިތިކް ރޯޝަންއާއި އޭނާގެ ދެފިރިހެން ދަރިން ކަމުގައިވާ ހަރިހާންއާއި، ހަރިދާން އެފްރިކާގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިންޑިއާއަށް ދިޔަ މަގުމަތީގައި އަތާތުރްކް އިންޓަރނޭޝަނަލް އެއަރޕޯޓަށް ފޭބީ ކަނެކްޓިން ފްލައިޓް ނެގުމަށެވެ. ނަމަވެސް ރިތިކްއާއި އޭނާގެ ދެކުދިންނަށް ކަނެކްޓިން ފްލައިޓް ލައްވާނުލި ކަމަށް ޕީޓީއައި އިން ބުނެފައި ވެއެވެ.

ރިތިކް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އޭނާއާއި ދެކުދިންނަށް ޖާގަލިބުނީ ޖެހިގެން އައިދުވަހުގެ ފްލައިޓުން ކަމަށާއި، ނަމަވެސް އިކޮނޮމީ ކްލާހުން ޖާގަ ހޯދައިގެން ފުރައިގެން ދިޔައީ ކަމަށެވެ. އެއަރޕޯޓަށް ހަމަލާތައް ދެވުނީ ރިތިކްމެން ފުރައިގެން ދިޔަފަހުންނެވެ.

ރިތިކް ރޯޝަންވަނީ، އޭނާއަށް އެހީތެރިކަން ފޯރުވައި ދިނުމުގައި އަތާތުރްކް އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސްޓާފުންގެ ފަރާތުން ފެނުނު އޯގާތެރިކަމާއި ހިތްހެޔޮ ކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި އެއަރޕޯޓަށް ހަމަލާ ދެވުނު ޚަބަރު ލިބުމާއެކު ވަރަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށްވެސް ޓްވީޓްގައި ބުނެފައި ވެއެވެ.

ރިތިކް ރޯޝަންވަނީ، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އޭނާގެ ހުރިހާ ސަޕޯޓަރުންނަށް ގޮވާލާފައެވެ. ދީނުގެ ނަމުގައި މިގޮތަށް ކުށެއްނެތް އާންމުން މަރައިގެން ނުވާނޭ ކަމަށްވެސް ރިތިކް ބުނެފައި ވެއެވެ.