ބިރުވެރި ފިލްމުތަކަކީ ދިވެހިންނާ ބީރައްޓެހި އެއްޗެއް ނޫނެވެ. "ފަތިސްހަނދުވަރު" ފަދަ ފިލްމުތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު ފިލްމުތަކެވެ. ހަމައެފަދައިން ގޮތް ނޭނގޭ، 'ރޫހާނީ' ނުވަތަ ނާމާން ކަންކަމަކީ ވެސް ދިވެހިންނާ މާކަ ބީރައްޓަހި ކަންކަމެއް ނޫނެވެ. މިފަހަރު މިއޮތީ ދެކަންތައް އެއްފަހަރާ ލައިގެންފައެވެ.

ދާދިފަހުން ރިލީޒްކުރި ބިރުވެރި ފިލްމެއް ކަމަށްވާ ދަ ކޮންޖަރިންގ 2ގެ ޝޯއެއް ބަލަމުން ދަނިކޮށް ސިނަމާ ހޯލެއް ތެރޭގައި 65 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. ނުވިތާކަށް އޭނާގެ ހަށިގަނޑު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ޓެމިލްނާޑޫގެ ރަށެއް ކަމަށްވާ ތިރުވަންނަމަލައިގެ ޝްރީ ބާލާސުބްރަމާނިއާ ސިނަމާގައެވެ. މަރުވިމީހާ ވަނީ ފިލްމުގެ ކުންނާ ހަމައިން މޭގައި ރިއްސާތީ ޝަކުވާކޮށްފައެވެ. އިންޑިއާގެ އަންދްރަޕްރަދޭޝަށް ނިސްބަތްވާ މިމީހާ ވަނީ އޭގެ ކުޑައިރުކޮޅެއް ފަހުން އަނބުރައި ގަނެފައެވެ.

އަނބުރައިގަތުމާއެކު، ކައިރީގައި ހުރި އޯލްޑް ގަވަމަންޓް ހޮސްޕިޓަލަށް އޭނާ ގެންދެވުނު ނަމަވެސް، ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުން ހާމަކުރާގޮތުގައި އޭނާ ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ.

ޓައިމްސް އޮފް އިންޑިއާއިން ހާމަކުރާގޮތުގައި، މަރުވި މީހާގެ ޕޯސްޓް މޯޓަމެއް ހެދުމަށްޓަކައި ތިރުވަންނަމަލައި ގަވަމަންޓް މެޑިކަލް ކޮލެޖު ހޮސްޕިޓަލަށް އޭނާގެ ހަށިގަނޑު ގެންދިއުމަށް އޯލްޑް ގަވަމަންޓް ހޮސްޕިޓަލުން އެންގިއެވެ. ނަމަވެސް، މައްޔިތާގެ ހަށިގަނޑާއި، އެހަށިގަނޑު ގެންދިއުމަށް ހަވާލުކުރެވުނު މީހާވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

މައްޔިތާއާއި މައްޔިތާގެ ހަށިގަނޑު ގެންދިއުމަށް ހަވާލު ކުރެވުނު މީހާ ގެއްލުނު ހަބަރު ލިބުމާއެކު، ސޯޝަލް މީޑިއާގައި ވަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވިފައެވެ. އެގޮތުން އެއީ ފިލްމާ ގުޅިފައިވާ 'ސުޕަނެޗުރަލް' ކަމެއްގެ ސަބަބުން ހިނގައިދިޔަ ކަންތައްތަކެއް ކަމަށް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ.

މިފަދަ އެތައް ވާހަކައެއް ވަނީ މިފިލްމު ސިނަމާތަކުގައި އެޅުވީއްސުރެ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

އިންޑޮނީޝިއާގެ ބަންގްޑުންގްގައި ދަ ކޮންޖަރިންގ 2 ބަލަމުން ދަނިކޮށް ޖިންނި އަވަލި އަންހެނެއް ކަމަށް ބުނާ އަންހެނެއްގެ ވީޑިއޯއެއްވެސް ވަނީ ފާއިތުވި ހަފުތާތަކުގައި ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. މިވީޑިއޯ 5 މިލިއަނާ ގާތްކުރާ އަދަދެއްގެ މީހުން ބަލާފައިވާއިރު ދެކުނު އިރުމަތީ އޭޝިއާގެ ގިނަ މީޑީއާތަކަކުން މި 'ޖިންނި އަވަލުމަކީ' ހަގީގަތެއްގެ ގޮތުގައި ރިޕޯޓުކޮށްފައި ވެއެވެ. ނަމަވެސް، ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެވީޑިއޯ ނަގާފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ.

މީގެއިތުރުން، ފޭސްބުކްގައި ވައިރަލް ވެގެންދިޔަ ޕޯސްޓެއްގައި ސިންގަޕޫރު ރައްޔިތެއް ކަމަށްވާ ޑެމިޔަން ންގް ޔިހް ލިއޮންގް ވަނީ އޭނާ ހުރި ހޮޓަލުގެ ލޯގަނޑެއްގައި ސަލީބެއް 'ކުރެހިފައި' ހުރި ފޮޓޯއެއް އާއްމުކޮށްފައެވެ. ލިއޮންގް ބުނާގޮތުގައި އެ ސަލީބު 'ކުރެހިފައި' ހުއްޓާ ފެނުނީ ދަ ކޮންޖަރިންގ 2 ބަލައި ނިމުނުފަހުންނެވެ. އޭނާ ބުނާގޮތުގައި މިއީ 'ރޫހާނީ' ކަމެއް އޭނާ ތަޖުރިބާ ކުރި ފުރަތަމަ ފަހަރެވެ. މިލިއުން ލިއުމާ ހަމައަށް އޭނާގެ ފޭސްބުކް ޕޯސްޓް ވަނީ 3،100 ވުރެ ގިނަ މީހުން ޝެއާކޮށްފައެވެ.

ހަމައެއާއެކު، ފޭސްބުކްގައި ވައިރަލް ވެފައިވާ އެހެން ޕޯސްޓެއްގައި ވާގޮތުން، މިހާތަނަށް ދަ ކޮންޖަރިންގ 2 ބަލަމުންދަނިކޮށް 37 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް މިމައުލޫމާތު ކަށަވަރު ކުރެވޭ ގޮތްވަނީ ނުވެފައެވެ.

މިޕޯސްޓްތަކާއި ވީޑިއޯތަކަކީ ހަގީގަތަކަށް ވިއަސް ނުވިއަސް، ޔަޤީންވާ ކަމަކީ މި ޕޯސްޓްތަކުގެ ސަބަބުން ފިލްމަށް ލިބެމުންދާ ސަމާލުކަމާމެދު ފިލްމުގެ ޕްރޮޑިއުސަރުން ތިބޭނީ ހިތްހަމަޖެހިފައިކަމެވެ. ސަބަބަކީ މި ފިލްމަށް ދަ ޓެލެގްރާފުން ދީފައިވަނީ 2 ތަރީގެ ރިވިއުއަކަށް ވީތީއެވެ.