ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރޫ ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން ޔަގީންކޮށްދީފި އެވެ.

ކަރީނާގެ ފަރާތުން މިކަން ޔަގީންކޮށްދިނީ އޭނާގެ ފިރިމީހާ އަދި ފިލްމީ ތަރި ސައިފް އަލީ ހާން ނެރުނު ބަޔާނެއްގަ އެވެ.

ކަރީނާ ބަނޑުބޮޑުކަން އާއިލާއިން ޔަގީންކޮށްދީފައި މިވަނީ އޭނާ ބަނޑުބޮޑުކަމަށް ބުނެ މީޑިއާ އިން ތަކުރާރުކޮށް އެ ހަބަރުތައް ގެނެސްދީފައިވަނިކޮށް ކަރީނާގެ އާއިލާއިން އެކަން ދޮގުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

ސައިފް ނެރުނު ބަޔާނުގައި ބުނެފައިވަނީ ކަރީނާ ބަނޑުބޮޑު ކަމަށާއި މިއަހަރުގެ ޑިސެމްބަރު މަހު އެދެމަފިރިންގެ ފުރަތަމަ ދަރިފުޅު އުފަންވާނެ ކަަމަށެވެ.

ސައިފް މީގެ ކުރިން ކައިވެންޏެއްކޮށް އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު މިއީ ކަރީނާގެ ފުރަތަމަ ކައިވެންޏެވެ.

ސައިފް ކުރިން ކައިވެނިކުރީ އޭނާއަށް ވުރެ 13 އަހަރު ދޮށީ ފިލްމީ ތަރީ އަމްރިތާ ސިންގް އާއެވެ. މިކައިވެންޏަށް ލިބިފައިވަނީ ސާރާއާއި އިބްރާހީމް އެވެ.

ސައިފްގެ މިހާރުގެ އަންހެނުން ކަރީނާ އަކީ ސައިފަށް ވުރެ 10 އަހަރު ހަގު މީހެކެވެ.

ސައިފްއާއި ކަރީނާ 2010 ވަނަ ކައިވެނި ކުރުމަށްފަހު ބުނެފައިވަނީ ކައިވެންޏަށް ތިން އަހަރު ފަހުން ކުއްޖެއް ހޯދާނެ ކަމަށެވެ. ކަރީނާ ބަލިވެއިނުމުން މިދިޔަ އޭޕްރީލް މަހުން ފެށިގެން އޭނާ އެއްވެސް ފިލްމެއް ކުޅެން އެއްބަސްވެފައެއް ނުވެ އެވެ.

ކަރީނާ ބުނީ އޭނާއަށް ކުއްޖަކު ލިބުނު ނަމަވެސް ފިލްމް ކުޅުން ހުއްޓާނުލާނެ ކަމަށާއި އޭނާގެ މަސައްކަތްތަކަށް ފިރިމީހާ ސައިފްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ.

ކަރީނާ އެކްޓްކޮށްފައިވާ ފިލްމް ތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒްކޮށްފައިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރު ލީޑްރޯލް ކުޅެފައިވާ "އުޅްތާ ޕަންޖާބު" އެވެ.