ޑިއުޓީގައި ވަރަށް ބުރަކޮށް އުޅެން ޖެހުނު ދުވަހެކެވެ. ވަގުތު ދިޔަ ނުދިޔަ ގޮތް ނޭނގި ހުއްޓާ އެޑިޓަރު އަޅުގަނޑު ފޮނުވާލީ ކްރިމިނަލް ކޯޓު ކައިރިއަށެވެ. ފުލުހުންގެ ހައްޔަރުގައި ހުރެ ފިލަން މަސައްކަތް ކުރި ކަމުގެ ދައުވާ އުފުލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްގެ މައްޗަށް ހުކުމް ކުރުން އޮންނާތީ އެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މީހުންނާއި މަހުލޫފްގެ އާއިލާގެ މީހުން އެއްވެފައި ތިއްބެވެ. ފުލުހުންވެސް ތިއްބެވެ. މިހުރިހާ މީހުންގެ ތެރެއިންވެސް ލޮލުގައި އަޅައިގަތީ އެއް ފަރާތެއްގައި އިށީންދެގެން އިން މުސްކުޅި ފުރައިގެ ފިރިހެނެކެވެ. މޫނުމަތިން ފެންނަމުން ދިޔައީ ނިމުމެއް ނެތް ހިތާމައެއް ތަހައްމަލް ކުރާ މަންޒަރެވެ. އެ ލޮލުގައި އެތައް ހާސް ޝަކުވާއެއްވާ ކަހަލަ އެވެ. މީހުން އެއްވާ ކޮންމެ ތަނަކުން ފެންނަ ދަންނަ މޫނަކާއި ވައްތަރުވެގެން ކައިރިއަށް ގޮސް ހުއްޓެލީމެވެ.

ހައިރާންވީ މިތަނުން އޭނާ އާ ދިމާވީމަ އެވެ. އެއީ މީގެ ދެ އަހަރު ކުރިން ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ ބައްޕަ އެވެ. ކައިރިއަށް ޖެހިލާ ވާހަކަ ދައްކާލާ ހާލު އަހުވާލުން ވާހަކަ ދައްކަން ފެށީމެވެ. މިތަނުގައި ކުރަނީ ކީއްހޭ އަހާލުމުން ދިން ޖަވާބުން ހިތް ފަޅައިގެން ދާހާވި އެވެ. ވީނުވީއެއް ނޭނގި ދަރިޔަކު ގެއްލުމުން ކުރެވޭނެ އިހުސާސް އެވަގުތު ކުރެވުނެވެ.

"މިހެން މީހުން އެއްވާ ހުރިހާ ތަނަކަސްވެސް ދަން. އެނގޭތަ ކީއްވެގެންކަން. ގެއްލިފައިވާ އަހަރެންގެ ދަރިފުޅުގެ ހަބަރެއް ލިބޭތޯ،" ރިލްވާންގެ ބައްޕަ ބުނީ މިހެންނެވެ.