ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވި ހ. ލޮބީ، ހުސައިން ހުމާމު މެރުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް އިއްވާފަ އެވެ. މި މައްސަލައިގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައިވާއިރު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ގަވާއިދުގައި ބުނާ ހުކުމް ތަންފީޒު ކުރުމުގެ މުއްދަތު މާދަމައަށް ހަމަވާނެ އެވެ. އެކަމަކު އޭނަގެ ހުކުމް ތަންފީޒު ކުރުމާ މެދު އަދިވެސް ގޮތެއް ނުނިމެ އެވެ.

މަރަށް މަރު ހިފުމުގެ ގަވާއިދު ބުނާގޮތުން ރާއްޖޭގެ އެންމެ މަތީ ކޯޓުން މަރުގެ އަދަބު ދިނުމަށް ހުކުމް ކުރާތާ 30 ދުވަހުގެ ތެރޭގައި އެހުކުމެއް ތަންފީޒު ކުރަން ޖެހެ އެވެ. ސުޕްރީމް ކޯޓުން ހުމާމުގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ހުކުމް ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ޖަހާ އެހާއިރު އެވެ. އެހެންވީމަ ހުކުމް އިއްވިތާ މިމަހުގެ 24 ވަނަ ދުވަހަށް މަސްދުވަސް ހަމަވާނެ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އަހްމަދު ލުގުމާން މިއަދު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުމާމްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ކުރާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

ހުކުމް ތަންފީޒު ކުރާނެ ތާރީހު ކަނޑައެޅޭނީ އޭނާގެ ހުކުމް ތަންފީޒު ކުރުމާ މެދު ގޮތެއް ނިމިގެން ކަމަށާއި އޭގެ ކުރިން ވާރިސުންނާ ގާތިލާ ދެމެދު ވާހަކަދެކެވެން ޖެހޭ ކަމަށް ލުގުމާން ވިދާޅުވި އެވެ. އެކަމަކު އެ މަރުހަލާ އަދިވެސް ނުފެށޭ ކަމުގައިވެސް ވިދާޅުވި އެވެ.

ހުމާމަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ގޮތެއް ނިންމޭނީ މަޝްވަރާތަކަށްފަހު ކަމަށާއި، މަޝްވަރާތަކުގައި އަފްރާޝީމްގެ އެއްވެސް ވާރިސަކު ހުމާމު މެރުމަށް ދެކޮޅު ހަދައި، އެކަން ކަމާ ގުޅުންހުރި މުއައްސަސާތަކަށް ރަސްމީކޮށް އަންގައިފިނަމަ މަރުގެ ހުކުމް ތަންފީޒު ނުކުރެވޭނެ ކަަމަށްވެސް ލުގުމާން ވިދާޅުވި އެވެ.

ޑރ. އަފްރާޝީމްގެ އާއިލާއާ ހުމާމުގެ ފަރާތުން މަޝްވަރާކުރާނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށެވެ.

ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެ ކުށުގެ އަދަބު ތަންފީޒު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވައިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މިގަވައިދުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށްފަހު މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން މަރާލެވިފައިވާ މީހާގެ ވާރިސުންގެ ބަހެއް ހޯދުމަށް ކަރެކްޝަނަލް ސާވިސް އިން އެކަށީގެންވާ މަސައްކަތްތަކެއް ކުރަންވާނެ ކަމަށެވެ. ވާރިސުންގެ ބަހެއް ހޯދަންވާނީ މިގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރެވޭ ދުވަހު ކަމަށް ވެސް ގަވައިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބުނެ އެވެ.

ހުމާމު މެރުމަށް ޝަރުއީ ހުރިހާ މަރުހަލާއަކުން ހުކުމްކޮށްފައިވާއިރު، ހުމާމު މެރުން ފަސްކުުރުމަށް އަފްރާޝީމްގެ އާއިލާއިން ވަނީ ކޯޓުގައި އެދިފަ އެވެ.

އަފްރާޝީމްގެ އާއިލާއިން މިކަމަށް އެދިފައިވަނީ އަފްރާޝީމް އަލީގެ ބައްޕަ އާއި ބޭބޭ ސުޕްރީމް ކޯޓަށް ފޮނުވާފައިވާ ދެ ސިޓީއެއްގަ އެވެ. ސިޓީގައި ވަނީ ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ މުޅިން ތަހުގީގުކޮށް ނިމިފައިވާކަން ގަބޫލުނުކުރެވޭ ކަމަށާ އެހެންކަމުން އެ ހާލަތުގައި ހުމާމްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމަށް ބޭނުންނުވާ ކަމަށެވެ. އަދި ތަހުގީގު މުޅިން ނިމުމުން އެކަމުގައި އާއިލާއިން އެދޭގޮތެއް ހާމަކުރާނެ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

ހުމާމު މެރުމާއި މެދު ބައެއް މީހުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުން ހުއްޓާލުމަށް ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތަކުންނާ އީޔޫއާ ގުޅުން ބޮޑު ބައެއް ގައުމުތަކުން ވަނީ ރާއްޖެއަށް އަންގާފަ އެވެ. ހުމާމުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމަށް އދ. އިންވެސް ވަނީ ގޮވާލާފަ އެވެ.

އދ. އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންސާފުވެރި ޝަރީއަތެއްގައި ލިބެންޖެހޭ ހައްގުތައް ހުމާމަށް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ދުނިޔެ ގަބޫލުކުރާ އުސޫލުތަކަށް ފެތޭ ފަދަ ޝަރީއަތެއް އަލުން ހުމާމުގެ މައްޗަށް ހިންގައިދިނުމަށްވެސް އދ އިން ވަނީ އެދިފަ އެވެ. ނަމަވެސް ސަރުކާރުން ބުނީ ހުމާމަށް މަރުގެ ހުކުމް އިއްވުމާ ގުޅޭގޮތުން ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް އދ. އިން ރާއްޖެއަށް އަންގާފައި ނުވާ ކަމަށެވެ.

ރާއްޖޭގެ ވާދަވެރި އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީންވެސް ވަނީ ހުމާމުގެ މައްޗަށް އިއްވާފައިވާ މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލުމަށް ގޮވާލާފަ އެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުންތަކުގައި ހުމާމު ވަނީ ޑރ އަފްރާޝީމް މަރާލިކަމަށް އެއްބަސްވެފަ އެވެ. އެކަމަކު ފަހުން ހުމާމު ވަނީ އެގޮތަށް އެއްބަސްވީ ފުލުހުން ބިރުދައްކައިގެން ކަމަށް ބުނެފަ އެވެ.