ޖަރުމަނުވިލާތުން ހިމާޔަތްހޯދުމަށް މަސައްކަތްކޮށް އެކަން ނާކާމިޔާބުވި ސީރިއާ ރައްޔިތަކު ޖާނުންފިދާވެގެން ދިން ހަމަލާއެއްގައި 12 މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެ އެވެ.

ެދެ ހަފުތާ ތެރޭގައި ޖަރުމަނުގައި ހިނގި ނުރައްކާތެރި ހަތަރުވަނަ ހާދިސާ ހިނގާފައިވަނީ ހަމަލާދިން 27 އަހަރުގެ މީހާ މިއުޒިކް ފެސްޓިވަލަކަށް ވަންނަން މަސައްކަތްކުރުމުން، އޭނާއަށް ވަނުން މަނާކުރުމާ ގުޅިގެންނެވެ.

ޖަރުމަނުވިލާތުގެ ބެވޭރިއާގެ އަންސްބަޚްގައި ހަމަލާ ދީފައިވަނީ ރާއްޖެ ގަަޑިން ރޭ 01:10 ހާއިރު ޔޫޖިންސް ވީންސްޓޫބް ބާ ބޭރުގަ އެވެ. އެއީ އަންސްބަޚް އޯޕަން މިއުޒިކް ފެސްޓިވަލަށް ވަންނަން ހަދާފައި ހުރި ގޭޓާ ކައިރި ހިސާބެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަމަލާގައި ޒަޚަމްވި 12 މީހުންްގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް ޖަރުމަނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ބެވޭރިއާގެ އިންޓީރިއާ މިނިސްޓާ ޔޯކިމް ހާމަން ވިދާޅުވީ ހަމަލާދިން މީހާއަކީ މީގެ ދެ އަހަރު ކުރިން ޖަރުމަނުވިލާތުން ހިމާޔަތްހޯދަން އައި މީހެއް ކަމަށާއި އޭނާ އަށް ހިމާޔަތް ނުދިނުމަށް މިދިޔަ އަހަރު ނިންމި ނަމަވެސް، ސީރިއާގެ މަސްރަހު އޮތް ގޮތުން އޭނާ އަލުން ސީރިއާއަށް ފޮނުވާ ނުލާ އަންސްބަޚް އިން އެޕާޓްމަންޓެއް އޭނާއަށް ދީފައި ބަހައްޓާފައި ހުރީ ކަމަށެވެ. ހާމަން އިތުރަށް ވިދާޅުވީ ހަމަލާދިން މީހާ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އަމިއްލައަށް މަރުވާން ވެސް މަސައްކަތްކޮށްފައި ކަމަށާއި ނަފްސާނީ ބަލި މީހުންނަށް ފަރުވާދޭ ކްލިނިކެއްގައި ވެސް ދުވަސްތަކެއް ހޭދަކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް އަދި ނޭނގޭ އޭނާ އަމިއްލައަށް މަރުވާންވެގެން ކަމެއް ނުވަތަ އެހެން ބަޔަކު މަރާލުމުގެ ނިޔަތުގައި ކަމެއް އޭނާ އެކަން ކުރީ" ހާމަން ވިދާޅުވި އެވެ.

އަންސްބަޚްގެ ފުލުހުންގެ އިސްވެރިޔާ ރޯމަން ފާޓިންގާ ވިދާޅުވީ ބޮމަށް ދަގަނޑު އެތިކޮޅުތަކެއް އިތުރުކޮށްފައިވާކަން މިހާތަނަށް ބެލިބެލުމުން އިނގޭ ކަމަށެވެ. އަދި އެބޮމުގައި އިތުރު ބަޔަކު މަރާލެވޭހާ ބާރުމިން ހުރިކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.

މިހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައި ނުވި ނަމަވެސް، އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި ހަމަލާގެ ފަހަތުގައި ހައްދުފަހަނައަޅާފައިވާ ފިކުރުތައް އެކުލެވުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ ޖަރުމަނުވިލާތުގައި ފާއިތުވި ތިން ދުވަހުގައި ނުރައްކާތެރި ހަމަލާއެއް ހިނގި ތިންވަނަ ފަހަރެވެ. އެގޮތުން 22 ޖުލައިގައި ޖަރުމަނުވިލާތަށް އުފަން އީރާނު ދަރިކޮޅުގެ ޒުވާނަކު ވަނީ މިއުނިކްގެ ޝޮޕިން މޯލެއްގައި ބަޑި ޖަހައި ނުވަ މީހަކު މަރާލާފަ އެވެ. ހަމައެއާއެކު، 24 ޖުލައިގައި ރޫޓްލިންގް ސިޓީއިން ސީރިއާގެ ރައްޔިތަކު ވަނީ ކަތިވަޅިއަކުން އަންހެނަކަށް ހަމަލާދީ މަރާލާ އިތުރު ދެ މީހަކު ޒަޚަމް ކޮށްލާފަ އެވެ. އޮފިޝަލުން ބުނީ މި ހަމަލާތަކަކީ ޓެރަރިޒަމާ ގުޅުން ހުރި ހަމަލާތަކެއް ނޫން ކަމަށެވެ.