ޑިމޮކްރެޓިކް ޕާޓީގެ ނެޝަނަލް ކޮމިޓީން ނިމިދިޔަ ރިޔާސީ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީގައި ވަކި ކެންޑިޑޭޓަކަށް ފައިދާވާ ގޮތަށް އަމަލުކޮށްފައިވާކަން ހާމަވާ އީމެއިލް ތަކެއް ލީކުވެއްޖެ އެވެ.

ވިކިލީކްސް އިން ލީކުކޮށްލާފައިވާ 20،000 އަށް ވުރެ ގިނަ އީމެއިލްތަކުން އިނގޭ ގޮތުގައި ޑިމޮކްރެޓިކް ނޭޝަނަލް ކޮމިޓީ (ޑީއެންސީ)އިން ވަނީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ފެށުމުގެ މާކުރީން ހިލަރީ ކްލިންޓަން އަށް ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ތައްޔާރީތައް ވާން ފަށާފަ އެވެ. އެގޮތުން މާޗް 2015އިން ފެށިގެން ޑީއެންސީން ހިލަރީއަށް ޕާޓީގެ ނޮމިނޭޝަން ދިނުމަށް ރޭވުންތަކެއް ރާވަފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ލީކު ކޮށްފައިވާ އީމެއިލްތަކުގައި ޑީއެންސީގެ އިސް ބޭފުޅުން ވަނީ ކްލިންޓަންއާ އެންމެ ގާތުން ވާދަކުރެއްވި، ބާނީ ސޭންޑާސްގެ އަގީދާއާ މެދު ސުވާލު އުފެއްދުމަށާއި ސޭންޑާސްއަށް ތާއީދުކުރާ ފަރާތްތަކުން ޑީއެންސީއާ މެދު ކުރާ ތުހުމަތުތައް ދޮގުކުރުމަށް ތަފާތު މީޑިއާތަކާއި ގުޅިގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަންވެސް ރާވާފަ އެވެ. ނަމަވެސް މި އީމެއިލްތައް ފޮނުވި ކަމަށް ތުހުމަތު ކުރެވޭ އޮފިޝަލުން ވަނީ އެއީމެއިލް ތަކުގައި އިޝާރާތްކޮށްފައިވަނީ ސޭންޑާސް އަށް ނޫންކަމަށް ބުނެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

ލީކުކޮށްލާފައިވާ އީމެއިލްތަކުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޑީއެންސީގެ އިސް ހަތް ފަރާތެކެވެ. އޭގެ ތެރޭގައި ސީނިއާ އެޑްވައިޒާ އެންޑްރޫ ރައިޓް އާއި ނެޝަނަލް ފައިނޭންސް ޑިރެކްޓާ ޖޯޑަން ކެޕްލަން އާއި ފައިނޭންސް ޗީފް އޮފް ސްޓާފް ސްކޮޓް ކޯމާ އާއި ނޮދަން ކެލިފޯނިއާ ފައިނޭންސް ޑިރެކްޓާ ރޮބަޓް ސްޓޯވް އާއި ފައިނޭންސް ޑިރެކްޓާ އޮފް ޑާޓާ އެންޑް ސްޓްރެޓީޖިކް އިނީޝިއޭޓިވްސް ޑެނިއަލް ޕެރިޝް އަދި ފިނޭންސް ޑިރެކްޓާ އެލަން ޒެކެރީ ހިމެނެ އެވެ.

މިއީމެއިލްތަކާ ގުޅިގެން ޕްރައިމަރީގައި ނާކާމިޔާބީ އިއުލާނުކުރައްވާ އަދި އޭގެފަހުން ހިލަރީ ކްލިންޓަނަށް ތާއީދުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ބާނީ ސޭންޑާސް ވަނީ ޑީއެންސީގެ ރައީސާ ޑެބީ ވަސާމަންގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ. ޑެބީ ވަސާމަން ވަނީ މިއަދު ފެށޭ ޑިމޮކްރެޓިކް ނެޝަނަލް ކޮންވެންޝަން އަށް ފަހު އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރައްވާފަ އެވެ.

ސޭންޑާސް އަށް ތާއީދުކުރާ ފަރާތްތަކުންވަނީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ފެށުނީއްސުރެ ޑީއެންސީ އިން ސޭންޑާސްއާ ދެކޮޅަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. މިހާތަނަށް އައި އިރު، އެތުހުމަތުތައް ސާބިތުކުރެވޭ ވަރުގެ ހެކިތަކެއް ނެތެވެ. އެހެންނަމަވެސް މިހާރު ލީކުވެފައިވާ އީމެއިލްތަކާ އެކު ސޭންޑާސްގެ ސަޕޯޓަރުން ވަނީ ކްލިންޓަނާ ދެކޮޅަށް ދައްކަމުންދިޔަ ވާހަކަތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން މިއަދު ފެށުމަށް ހަމަޖެހިފައިވާ ޑިމޮކްރެޓިކް ނެޝަނަލް ކޮންވެންޝަންގެ ކުރިންނާއި ކޮންވެންޝަންގެ ތެރޭގައި ސުލްހަވެރި މުޒާހަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޑިމޮކްރެޓިކް ނެޝަނަލް ކޮންވެންޝަނަކީ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ ކޮންވެންޝަނެކެވެ. މިކޮންވެންޝަނުގައި އެމެރިކާގެ ހުރިހާ ސްޓޭޓަކުން މަންދޫބުން ބައިވެރިވެ، ޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ފަރާތެއްގެ ގޮތުން ހިލަރީ ކްލިންޓަނަށް ނޮމިނޭޝަން ހަވާލުކުރުން އޮންނާނެ އެވެ. ހަމައެއާއެކު، ކުރިއަށް އޮތް ހަތަރު އަހަރަށް ޕާޓީގެ ސިޔާސަތު އެކުލަވާލުން ވެސް އޮންނާނެ އެވެ.