ޓާރކިޝް އެއަރލައިންސްގެ 211 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.

ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުންނަކީ، މިމަހުގެ 15 ވަނަ ދުވަހު ތުރުކީއަށް ގެންނާން އުޅުނު ބަޣާވާތުގެ އަޑީގައި ހުރިކަމަށް ތުރުކީން ތުހުމަތުކުރާ، އެމެރިކާގައި ދިރިއުޅޭ ދީނީ އިލްމުވެރިޔާ މުހަންމަދު ފަތުހުﷲ ޣުލެންއާ "ގުޅުން އޮންނަ ކަމަށް" ތުހުމަތުކޮށް ވަޒީފާއިންވަކިކުރި މުވައްޒަފުންނެވެ.

ޓާރކިޝް އެއަރލައިންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވުނީ "ގައުމުގެ މަސްލަތާއި، ކުންފުނީގެ މަސްލަހަތާ ޚިލާފް އަމަލުތަކެއް" އެ މުވައްޒަފުންގެ ކިބައިން ފެނިގެން ކަމަށެވެ.

ޓާރކިޝް އެއަރލައިންސްގެ މީޑިއާ ޔުނިޓުން ސޮއިކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެ އެއަރލައިންސް އޮތީ، ބަޣާވާތް ރޭވި މީހުންނާ ދެކޮޅަށް އަދި ތުރުކީގެ ބަތަލުންފަދަ، ޝަރަފްވެރި ހުރިހާ ރައްޔިތުންނާ ގުޅިފައި ކަމަށެވެ.

ތުރުކީގެ ސަރުކާރު އިންގިލާބު ކޮށްލަން، ގެންނާން އުޅުނު ބަޣާވާތުގެ އަޑީގައި ހުރީ، އެމެރިކާއަށް އަމިއްލައަށް އަރުވާލެވިގެން އުޅޭ، އުމުރުން 75 އަހަރުގެ މުހަންމަދު ފަތުހުﷲ ޣުލެންއާއި، އޭނާގެ "އެފް.އީ.ޓީ.އޯ" ޖަމާއަތް ކަމަށް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މިކަމާހެދި، ޣުލެން ތުރުކީއާ ހަވާލު ކުރުމަށް ތުރުކީ ސަރުކާރުން ދަނީ އެމެރިކާގެ ކިބައިން އެދެމުންނެވެ. ނަމަވެސް، ތުރުކީއަށް ގެންނާން އުޅުނު ބަޣާވާތާއި އެއްވެސް ގުޅުމެއް ނުވާކަމަށް ބުނެ ޣުލެންއާއި، އޭނާގެ ޖަމާއަތުން ގެންދަނީ ތުރުކީ ސަރުކާރުގެ ތުހުމަތުތަކާ ދެކޮޅު ހަދަމުންނެވެ.

ފަތުހުﷲ ޣުލެންގެ "އެފް.އީ.ޓީ.އޯ" ޖަމާއަތުގެ ބޮޑު ވިއުގައަކުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތަކާއި، ހިލޭ އެހީދޭ ޖަމާއަތްތައް ހިންގައެވެ.

ތުރުކީ ބަޣާވާތާ ގުޅިގެން، އެކަމާ ގުޅުންހުރި ކަމަށް ތުހުމަތުކޮށް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ވަނީ 13،000 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި، ސިފައިންނާއި، ފުލުހުންނާއި، ފަނޑިޔާރުންނާއި، ވަކީލުންނާއި، ޕްރޮފެސަރުންނާއި، ޓީޗަރުންވެސް ހިމެނެއެވެ.

ބަޣާވާތާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ 42 ނޫސްވެރިން ހައްޔަރު ކުރުމުގެ އަމުރުވެސް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން މިއަދު ވަނީ ނެރެފައެވެ.

ބަޣާވާތާ ގުޅުވައިގެން ތުރުކީ ސަރުކާރުން އެއްވެސް ހައްދެއްނެތި މީހުން ހައްޔަރު ކުރަމުންދާ ދިއުމާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަނެއްކޮޅުން، ހައްޔަރުކޮށްފައިވާ މީހުންގެ ގައިގައި ތަޅައި އަނިޔާކުރުމާއި، ރޭޕްކުރުމުގެ ކަންކަން ހިނގަމުންދާ ކަމުގެ ކަށަވަރު މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެމްނެސްޓީ އިންޓަރނޭޝަނަލްއިން ވަނީ ބަޔާނެއްވެސް ނެރެފައެވެ. ނަމަވެސް ތުރުކީ ސަރުކާރުން އެވާހަކަތައް ދޮގުކޮށްފައި ވެއެވެ.