އެމެރިކާގެ ފްލޮރިޑާގެ ނައިޓްކްލަބެއްގައި އަނެއްކާވެސް ބަޑިޖެހުމުގެ ހާދިސާއެއް ހިނގައި ދެމީހުން މަރާލައިފިއެވެ.

މިހާދިސާގައި އިތުރު 16 މީހުން ޒަޚަމްވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.

މަޔާމީގެ ފޯރޓް މަޔަރސްގައި ހުންނަ "ކްލަބް ބްލޫ" ގައި ބަޑިޖަހާފައިވަނީ، ޒުވާން ކުދިންގެ "ސްވިމްސޫޓް ގްލޯ ޕާޓީ" ބާއްވައި، ޕާޓީ ނިމި، މީހުން ގެއަށްދާން އުޅުނު ވަގުތު ކަމަށް ވެއެވެ. ބަޑިޖެހާފައިވަނީ، ކްލަބްގެ ޕާކިން އޭރިޔާ ތެރޭގައެވެ.

ބަޑިޖެހުމުގެ ހާދިސާގައި މަރުވި ދެމީހުންނަކީ އުމުރުން 14 އަހަރާއި 16 އަހަރުގެ ދެކުދިން ކަމަށާއި، ޒަޚަމްވެފައިވާ މީހުންގެ ތެރޭގައި، އުމުރުން 13 އަހަރުގެ ކުދިންވެސް ހިމެނޭ ކަމަށް ވެއެވެ. ޕާޓީގައި އާންމުކޮށް ތިބީ އުމުރުން 13 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންކަމަށް ވެއެވެ.

ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން ފޯރޓް މަޔަރސްގެ ފުލުހުން ވަނީ، ތިން މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން އެކަކީ ބަޑިޖެހި މީހާ ކަމަށް ބެލެވޭ ކަމަށް ބުނާއިރު، އަނެއް ދެމީހުން ހައްޔަރުކުރީ ސުވާލުކުރުމަށް ކަމަށް ބުނެފައި ވެއެވެ.

"ކްލަބް ބްލޫ" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކްލަބްގެ ޕާކިން އޭރިޔާ ތެރޭގައި ބަޑިޖެހުމުގެ ހާދިސާ ހިނގާފައިވަނީ، ހަތިޔާރުއެޅި ސެކިއުރިޓީ ގާރޑުން ކްލަބް ތެރޭގައާއި އެތަނުން ބޭރުގައިވެސް ފާރައަށް ތިއްބާ ކަމަށެވެ.

ފުލުހުން މިހާރު ދަނީ ކްލަބް ހިމެނޭ ސަރަހައްދު ބަންދުކޮށް، ތަހްގީގު ކުރަމުންނެވެ. އަދި މިހާރު ބުނަމުންދަނީ މިއީ "ޓެރަރިޒަމްގެ އަމަލެއް ކަމަށް ނުބެލެވޭ" ކަމަށެވެ. ނަމަވެސް، ބަޑިޖެހި ސަބަބު އަދި ދެނެ ނުގަނެވޭ ކަމަށް ބުނެފައި ވެއެވެ.

މީގެ 5 ހަފްތާ ކުރިންވެސް ފްލޮރިޑާގެ ނައިޓް ކްލަބަކަށް މީހަކު ބަޑިޖަހައި 49 މީހުން މަރާލާފައި ވެއެވެ.