މޮރިޓޭނިއާގައި މިއަދު ފެށި، އަރަބި ދުނިޔޭގެ 22 ގައުމުގެ އެންމެ އިސްވެރިންގެ ސަމިޓް އެއްދުވަހަށް ކުރުކޮށްލައިފިއެވެ.

ސަމިޓް އެއްދުވަހަށް ކުރުކޮށްލީ، އަރަބިދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ވަރުގަދަ ދެގައުމު ކަމަށްވާ ސައުދީ އަރަބިއްޔާއާއި، މިސްރުގެ އެންމެ އިސްވެރިން ސަމިޓްގައި ބައިވެރިވެވަޑައި ނުގެންނެވުމުން، އެއްވެސް ކަމެއް ކުރުމުގެ ރޫހެއްނެތި "ވައިވެގެން" ކަމަށް ވެއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ސަމިޓަށް ވަޑައިނުގެންނެވީ "ސިއްހީ ސަބަބުތަކަށްޓަކައި" ކަމަށް ސައުދީން ބުނެފައި ވެއެވެ. މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ސަމިޓަށް ވަޑައިނުގެންނެވީ "ގައުމުގެ އެތެރޭގެ ބިޒީ ތާވަލާހެދި" ކަމަށް އެގައުމުން ބުނެފައި ވެއެވެ.

ސަމިޓް ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިސްރުގެ ބޮޑުވަޒީރު ޝަރީފް އިސްމާއިލްވަނީ، މިސްރުގެ ރައީސް ސީސީގެ ނަންފުޅުގައި، ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމުގެ އަރަބީންގެ ސިޔާސަތަށް ގޮވާލައްވާފައެވެ. އިސްލާމްދީނުގެ ނަމުގައި، ޓެރަރިސްޓުންދަނީ، އިސްލާމްދީނުގެ ސުލްހައިގެ ތަސައްވުރު ހަލާކުކުރަމުން ކަމަށްވެސް މިސްރުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. އެފުރުސަތު ޓެރަރިސްޓުންނަށް ދީގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަމިޓް ބާއްވާ މޮރިޓޭނިއާގެ ރައީސް މުހަންމަދު އައުލްދް އަބްދުލް އަޒީޒް، ސަމިޓްގައި ތަގްރީރު ކުރައްވަމުން، އިސްލާމްދީނުގެ ނަމުގައި ޓެރަރިސްޓުން ދެމުންގެންދާ ހަމަލާތައް ކުށްވެރި ކުރެއްވިއެވެ. ހަމަ އެއާއެކު، އަރަބި ދުނިޔޭގެ ހަމަޖެހުން ނަގާލުމަށް ބޭރުގެ ބާރުތަކުން މަސައްކަތް ކުރާކަމަށް ވިދާޅުވެ، އެކަން ކުށްވެރި ކުރައްވާފައި ވެއެވެ.

ހަމައެއާއެކު، ފަލަސްތީނު – އިސްރާއީލު މައްސަލަ ހައްލުކުރުމަށް އާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އެމައްސަލަ ހައްލު ނުކުރެވި ދެމިއޮތްހާ ހިނދަކު މެދުއިރުމައްޗަށް ހަމަޖެހުން ނާންނާނެ ކަމަށްވެސް މޮރިޓޭނިއާގެ ރައީސް ވިދާޅުވިއެވެ.

މޮރިޓޭނިއާގައި މިއަދު ފެށި އަރަބި ސަމިޓް ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ ދެދުވަހުގެ މުއްދަތަށެވެ. ސަމިޓްގެ އެޖެންޑާގައި އެންމެ އިސްކަމެއް ދެވިފައިވަނީ، ސަލާމަތީ ކަންކަމާއި، ގުޅިފައިވާ އަރަބި ފައުޖު އުފެއްދުމުގެ ޕްލޭނަށެވެ.

ޓެރަރިޒަމާ ދެކޮޅަށް ގުޅިފައިވާ ފައުޖެއް އުފެއްދުމުގެ ޚިޔާލަށް 2015 ވަނަ އަހަރުގެ މާޗްމަހު މިސްރުގައި ބޭއްވި ސަމިޓްގައި އަރަބި ގައުމުތަކުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، ފައުޖު އުފެއްދުމުގެ ކަންތައްތަކުގައި ގައުމުތަކަށް އެއްގަލަކަށް ނޭރެވުމުގެ ސަބަބުން އެކަން އަދިވެސް ވަނީ ކުރެވޭގޮތް ނުވެފައެވެ.

ގިނަގުނަ މައްސަލަތަކުގައި އަރަބި ދުނިޔޭގެ ގައުމުތައް ބައިބައި ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން، އީރާނާއި ސައުދީ އަރާރުމުގެ މައްސަލައާއި، އިރާގުގެ ކުރުދިސްތާން ސަރަހައްދަށް ތުރުކީ ވަދެގަތް މައްސަލަވެސް ހިމެނެއެވެ.

ސައުދީ މައްސަލާގައި އިރާގުން އީރާނު ކުށްވެރިކުރަން ދެކޮޅު ހެދުމާއި، ތުރުކީއަށް ގެންނާން އުޅުނު ބަޣާވާތާ ގުޅިގެން ވަކިކޮޅަކަށް ޖެހެން ސައުދީން ދެކޮޅުހަދާ މައްސަލާއާއި، މިއަހަރުގެ ސަމިޓް ބާއްވަން މޮރޮކޯއިން ދެކޮޅު ހެދި މައްސަލާގައި، ސަމިޓްގެކުރިން ބޭއްވުނު ވަޒީރުން ފެންވަރުގެ ބައްދަލުވުންތަކުގައި، ގައުމުތަކުގެ މެދުގައި ހުރި ބޮޑެތި ޚިލާފްތައް ފެންމަތި ވެގެން ގޮސްފައިވާ ކަމަށް މީޑިއާއިން ބުނެއެވެ.

ސަމިޓަށް ވަޑައިގެންނެވި އަރަބި ގައުމުތަކުގެ ވެރިންގެ ތެރޭގައި، ހަނގުރާމައިގެ ޖަރީމާ ހިންގެވި ކަމުގެ ތުހުމަތުގައި ހޭގްގައި ހުންނަ ކޯޓަށް ހާޟިރުކުރަން ބޭނުންވެގެން އުޅޭ ސޫދާނުގެ ރައީސް އުމަރު ހަސަން އަލް ބަޝީރާއި، ގަތަރު، ކުވައިތު، ޔަމަން، ކޮމޯރޯސް، ޖިބޫޓީގެ އެންމެ އިސް ވެރިންނާއި، ލުބުނާން އަދި ލީބިޔާގެ ބޮޑުވަޒީރުން ހިމެނިވަޑައި ގަންނަވައެވެ.

މިފަހަރަކީ މޮރިޓޭނިއާގައި އަރަބި ވެރިންގެ ސަމިޓް ބާއްވާ ފުރަތަމަ ފަހަރެވެ. މިރިޓޭނިއާ އަރަބް ލީގްގައި ބައިވެރިވެފައި ވަނީ 1973 ވަނަ އަހަރުއެވެ.