ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓްލާނީ އިދިކޮޅު ކެންޑިޑޭޓް ޑޮނަލްޓް ޓްރަމްޕަށް ކަމަށް، އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އެއްބަފާ ބޭބޭފުޅު، މާލިކް އޮބާމާ ވިދާޅުވެއްޖެއެވެ.

އެފްރިކާގެ ގައުމެއް ކަމަށްވާ ކެންޔާގެ ހުޅަނގުގެ އަވަށެއް ކަމަށްވާ ކޮގޭލޯގައި ހުންނަވައި ފޯނުން އޭއެފްޕީއާ ވާހަކަފުޅު ދައްކަވަމުން މާލިކް އޮބާމާ ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި ޓްރަމްޕަށް ވޯޓްލާން އޭނާ ނިންމެވީ، ރައީސްކަމުގައި މިހާރު ހުންނެވި ކޮއްކޯފުޅު ބަރަކް އޮބާމާ، ކެންޔާގައި ދިރިއުޅޭ އޭނާގެ އާއިލާގެ ކަންކަމުގައި އިހުމާލުވެވަޑައިގެންފައިވާތީ ކަމަށެވެ.

އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ އުފަންވެވަޑައިގެންފައިވަނީ އެމެރިކާގެ ހަވާއީއަށެވެ. އޮބާމާގެ މަންމާފުޅަކީ އެމެރިކާގެ ކްރިސްޓިއަން އާއިލާއެއްގެ ބޭފުޅެއް ކަމަށްވާ ސްޓޭންލީ އޭން ޑަންހަމްއެވެ. އޮބާމާގެ ބައްޕާފުޅަކީ ކެންޔާއިން އެމެރިކާއަށް ހިޖުރަކުރި ކެންޔާގެ ރައްޔިތެއް ކަމަށްވާ ބަރަކް އޮނިޔަންގޯ އޮބާމާއެވެ. އޮބާމާގެ ބައްޕާފުޅުގެ އާއިލާއަކީ ކުރިންވެސް އަދި މިހާރުވެސް މުސްލިމުންނެވެ.

ބަރަކް އޮބާމާގެ ބައްޕާފުޅު ބަރަކް އޮނިޔަންގޯ އޮބާމާ، ބަރަކް އޮބާމާގެ މަންމާފުޅު ވަރިކުރައްވާފައި ބަރަކް އޮބާމާ އަދި އެމެރިކާވެސް ދޫކުރައްވައި އެނބުރި ކެންޔާއަށް ވަޑައިގެންނެވިއިރު، އޮބާމާގެ އުމުރުފުޅަކީ 2 އަހަރެވެ.

އޮބާމާގެ ބައްޕާފުޅު، މަންމާފުޅު ވަރިކުރައްވާފައި އެނބުރި ކެންޔާއަށް ވަޑައިގެންނެވުމުން މަންމާފުޅު ސްޓޭންލީ އޭން ޑަންހަމް ދެން ކައިވެނި ބައްލަވައިގެންނެވީ އިންޑޮނޭޝިޔާގެ ރައްޔިތެއް ކަމަށްވާ ލޯލޯ ސޮއިޓޯރޯއާއެވެ. ސޮއިޓޯރޯއާ ކައިވެނި ބައްލަވައިގެން އިންޑޮނޭޝިޔާއަށް ދިރިއުޅުއްވުން ބަދަލުކުރެއްވިއިރު އޭން ވަޑައިގެންނެވީ އޮބާމާވެސް ގޮވައިގެންނެވެ. އޮބާމާގެ ތުއްޕުޅުއިރުގެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވީ އިންޑޮނޭޝިޔާގައެވެ.

ސްޓޭންލީ އޭން ޑަންހަމް އާއި، ލޯލޯ ސޮއިޓޯރޯގެ ކައިވެންޏަށް ލިބިވަޑައިގެންނެވި އޮބާމާއާ އެއްބަނޑު އަންހެން ކޮއްކޯފުޅު މާޔާ ސޮއިޓޯރޯއަކީ މިހާރު އެމެރިކާގެ ހަވާއީގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރެކެވެ.

އޮބާމާގެ ބައްޕާފުޅުގެ ފަރާތު ކާފާފުޅަކީ ހުސައިން އޮނިޔަންގޯ އޮބާމާ (އެމްޒީ ހުސައިން އޮނިޔަންގޯ އޮބާމާ) އެވެ. އޮބާމާގެ މާމާފުޅަކީ ހުސައިން އޮނިޔަންގޯ އޮބާމާގެ ދެވަނަ އަނބިކަނބަލުން ހަބީބާ އަކޫމޫ އޮބާމާއެވެ. އެދެބޭފުޅުންނަކީވެސް ކެންޔާއަށް އުފަން، މުސްލިމުންނެވެ.

އޮބާމާގެ ބައްޕާފުޅާ އެއްބަނޑު އެއްބަފާ ބޮޑުދައިތާފުޅު ހައްވާ އައުމާ ހުސައިން ދުނިޔޭގައި ހުންނެވިއިރު، އޮބާމާއާ އެއްބަފާ ބޭފުޅުން ކަމުގައިވާ މާލިކް އޮބާމާއާއި، އައުމާ އޮބާމާއާއި، އަބޯ އޮބާމާއާއި، ބަރނާރޑް އޮބާމާއާއި، އޮބާމާގެ ބައްޕާފުޅު އެމެރިކާގެ ރުތު (ބޭކަރ) އެންޑެސެންޖޯއާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި މާރކް އަދި ޑޭވިޑްއަކީވެސް އޮބާމާގެ ކޮއްކޯފުޅުންނެވެ.

އެމެރިކާގެ ރައީސްގެ އެންމެ ހަގު ކޮއްކޯފުޅަކީ އޮބާމާގެ ބައްޕާފުޅު ޖައެލް އޮޓިއެނޯ ނަމަކަށްކިޔާ މީހަކާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ޖޯޖް ހުސައިން އޮނިޔަންގޯ އޮބާމާއެވެ. އޭނާ އުފަންވީ 1982 ވަނަ އަހަރުއެވެ.

2009 ވަނަ އަހަރު އެމެރިކާގެ ރައީސްކަމަށް ވަޑައިގެންނެވި ބަރަކް އޮބާމާ، ރައީސްކަމުގައި ހުންނަވައި ކެންޔާއަށް ފުރަތަމަ ފަހަރަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ މިދިޔަ އަހަރުއެވެ. މިދަތުރުފުޅުގައި، އާއިލާގެ މެމްބަރުންނާއި ބައްދަލުކުރެއްވި ނަމަވެސް، އޮބާމާގެ ބައްޕާފުޅު މަހާނަވެސްހުރި އަދި އާއިލާ ނިސްބަތްވާ ކޮގޭލޯއަށް ޒިޔާރަތް ކުރައްވާފައެއް ނުވެއެވެ.