ސްރީލަންކާގައި 37 އަހަރު ވަންދެން ހިނގައިދިޔަ ދާޚިލީ ހަނގުރާމަ ނިމުމަކަށް އައިތާ ހަތްއަހަރު ވެގެންދިޔައިރުވެސް، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރަސްމީގޮތުން ރިޕޯޓް ކޮށްފައިވާ 16،000 މީހުންނަށް ވީގޮތެއް ހާމަކުރުމަށް އެމްނެސްޓީ އިންޓަރނޭޝަނަލްއިން ސްރީލަންކާ ސަރުކާރަށް ގޮވާލައިފިއެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްއިން މިކަމަށް ގޮވާލާފައިވަނީ، ސްރީލަންކާއިން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ މީހުންނާއި، އާއިލާގެ މެމްބަރުން ހޯދުމަށް މަސައްކަތް ކުރަމުންދާ މީހުންނާއި ބައްދަލުކޮށް 14 މަސްދުވަސް ވަންދެން ހިނގި މައުލޫމާތު އެއްކުރުމުގެ ސާރވޭއަކަށް ފަހުގައެވެ.

ސާރވޭއަށްފަހު އެމްނެސްޓީން އާންމުކުރި 34 ސަފްހާގެ ރިޕޯޓްގައި ސަރުކާރަށް ގޮވާލާފައިވަނީ، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނަށް ވީގޮތަކާއި، އެމީހުން ވީތަނަކާބެހޭ މައުލޫމާތު އާންމު ކުރުމަށެވެ.

ސާރވޭގައި، އެމްނެސްޓީން ސްރީލަންކާގެ 395 އާއިލާއަކާ ބައްދަލުކޮށް މައުލޫމާތު އެއްކޮށްފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ، ސްރީލަންކާގެ ބައިމަދު ތަމަޅަ ދަރިކޮޅުގެ އާއިލާތަކެވެ.

ސާރވޭއަށް މައުލޫމާތުދިން އާއިލާތަކުގެ ތެރެއިން ތިންބައިކުޅަ އެއްބައި އާއިލާތަކުން ގަބޫލުކުރަނީ، އެއާއިލާތަކުން ގެއްލިފައިވާ މީހުން މިހާރު ވާނީ މަރުވެފައި ކަމަށެވެ. އަނެއް އަނެއްބައި އާއިލާތަކުން، އެމީހުންގެ ލޯބިވާ މީހުން ދުނިޔޭގައި ތިބޭނެ ކަމަށް އުންމީދުކުރާއިރު، އަނެއްބައި އާއިލާތަކުން ބުނެފައިވަނީ، އެއްވެސް ގޮތެއް ޔަގީން ނުވާ ކަމަށެވެ. ނުވަތަ އެކަމާމެދު ބުނާނެ ވަކިއެއްޗެއް ނޭނގޭ ކަމަށެވެ.

ސްރީލަންކާގެ އުތުރާއި އިރުމަތީގައި ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމްކޮށްދިނުމަށް ތަމަޅަ ޓައިގަރު ބާޣީން ކުރަމުންދިޔަ ޒަމާންވީ ހަނގުރާމަ، ސްރީލަންކާ ސަރުކާރުން ނިންމުމަކަށް ގެނަސް، ޓައިގަރު ޖަމާއަތް "ތަޅައި ތިރިކޮށްލީ" 2009 ވަނަ އަހަރު، ސްރީލަންކާ ސިފައިންދިން އަސްކަރީ ވަރުގަދަ ހަމަލާތަކަށް ފަހުގައެވެ.

ތަމަޅަ ޓައިގަރުންގެ "ދުވަސް ދުއްވާލުމަށް" ސްރީލަންކާ ސިފައިން އެންމެފަހުން ފެށި އޮޕަރޭޝަންގެ ތެރޭގައި އެކަނިވެސް 40،000 މީހުން މަރުވެފައިވާ ކަމަށް ގަބޫލުކުރެވިފައި ވެއެވެ.

ސްރީލަންކާގެ ދާޚިލީ ހަނގުރާމަ 37 އަހަރަށް ދެމިގެންދިޔައިރު، ސްރީލަންކާގެ ސަލާމަތީ ބާރުތަކުން އެކި ފަހަރުމަތިން ހައްޔަރުކުރި ތަމަޅަ އެތައް ބަޔަކަށް ވީނުވީއެއް ނޭނގި ގެއްލިފައި ވެއެވެ. އަދި ސިފައިން ބޮން އެޅުމުގެ ސަބަބުންވެސް އެތައްހާސް ތަމަޅައިން މަރުވެފައި ވެއެވެ.

ސްރީލަންކާގެ ރައީސްކަމަށް މައިތުރިޕަލަ ސިރިސޭނާ ވަޑައިގެން، ތަމަޅަ ދަރިކޮޅުގެ މީހުންގެ އުދާސްތަކަށް ލުޔެއް ހޯއްދަވައި ދެއްވުމަށް ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައި ވެއެވެ. އޭގެ ތެރޭގައި، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ ރިޕޯޓްތައް ކުރުމާއި، ބަދަލުދިނުމުގެ ކަންކަން ކުރުމަށް ޚާއްސަ އޮފީހެއް އުފެއްދެވުން ހިމެނެއެވެ.

ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އާއިލާތަކަށް "ސަރޓިފިކޭޓް އޮފް އެބްޒެންސް" ދޫކުރުމަށް މަގުފަހިވާ ބިލެއް، މިދިޔަމަހު ސްރީލަންކާ ސަރުކާރުގެ ކެބިނެޓުން ފާސްކޮށްފައި ވެއެވެ. މިއީ، ގެއްލިފައިވާ މީހުން މަރުވެފައިވާ ކަމަށް ކަނޑައަޅައި، އާއިލާތަކަށް ބަދަލު ނެގުމާއި، މުދާ ވާރުތަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅެކެވެ.

ހަނގުރާމައިގެ ތެރޭގައި، ވީނުވީއެއް ނޭނގި އެތައްހާސް ބަޔަކު ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު، ފާއިތުވީ ދުވަސްތަކުގައި ސްރީލަންކާގެ އެކި ސަރަހައްދުތަކުން އިންސާނުންގެ ޖަމައީ ކަށްވަޅުތަކެއް ފެނިފައިވެސް ވެއެވެ. ނަމަވެސް، އެފަދަ ކަށްވަޅުތަކުން ފެނިފައިވާ ކަށިތަކަކީ ކޮންބައެއްގެ ކަށިތަކެއްކަން ދެނެގަނެފައިވަނީ ވަރަށް މަދުމީހެއްގެ ކަމަށް ރިޕޯޓްތައް ބުނެއެވެ.