އިންޑިއާގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އަންހެނަކު، މީގެ 16 އަހަރުކުރިން ފެށި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ނިމުމަކަށް ގެނައުމަށް އޭނާ ނިންމައިފިއެވެ.

އުމުރުން 44 އަހަރުގެ އައިރޮމް ޝަރްމީލާ ނަމަކަށްކިޔާ މިއަންހެން މީހާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ފަށާފައިވަނީ 2000 ވަނަ އަހަރުއެވެ. އެހެންކަމުން، މިއީ މުޅި ދުނިޔޭގައިވެސް އެންމެ ދިގު މުއްދަތެއް ވަންދެން ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ މީހާކަމަށް ދުނިޔޭގެ މީޑިއާއިން ބުނެއެވެ.

ޝަރްމީލާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލުފެށީ، އޭނާ ނިސްބަތްވާ މަނީޕޫރާއި، މަނީޕޫރު ހިމެނޭ ސަރަހައްދުތަކުގައި އިންޑިއާ ސިފައިން އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާ މައްސަލައާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެގޮތުން، ޝަރްމީލާގެ ރަށް ކަމަށްވާ މަނީޕޫރުގެ ބަސް ސްޓޮޕެއްގެ ކައިރީގައި ސިފައިން ބަޑިޖަހައި އާންމުންގެ ދިހަމީހުން މަރާލި މަންޒަރު ފެނުނު ވަގުތުން ފެށިގެން އޭނާ ވަނީ، ކެއިންބުއިން ހުއްޓާލައި، ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ފަށާފައެވެ.

ސިފައިން އާންމުންގެ ގަޔަށް ބަޑިޖަހައި މަރާލީ "އާރމްޑް ފޯރސަސް ސްޕެޝަލް ޕަވަރސް އެކްޓް" ގެ ދަށުން ސިފައިންނަށް ލިބިދޭ ޚާއްސަ އިޚްތިޔާރުގެ ދަށުންނެވެ.

މިގާނޫނު، އިންޑިއާގެ އުތުރުއިރުމައްޗާއި، ކަޝްމީރު ސަރަހައްދުގައިވެސް ހިންގައެވެ. އެގޮތުން، ބަލައި ފާސްކުރުމާއި، ކޯޓް އަމުރުނެތި ގެދޮރަށާއި، ތަންތަނަށް ވަނުމުގެ ހުއްދައާއި، ބަޑިޖެހުމުގެ ހުއްދަވެސް މިގާނޫނުން ސިފައިންނަށް ލިބިދެއެވެ. މިއީ، އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ޚިލާފް ކަމެއް ކަމަށް، އެކަމާ ދެކޮޅު ފަރާތްތަކުން ބުނެއެވެ.

އައިރޮމް ޝަރްމީލާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ފެށީ، ސިފައިންގެ އަތުން އެބާރުތައް ނެގުމަށް ގޮވާލަމުންނެވެ. ނަމަވެސް، އޭގެފަހުން އޭނާ ހުންނަނީ ޝަރުއީ "ބަންދުގަ" އެވެ.

އޭނާ އަމިއްލައަށް މަރުވާން އުޅޭކަމަށް ބުނެ ޖިނާއީ ދައުވާއުފުލައި، ފަހުން ބަންދުކޮށްފައި ހުންނަނީ، މަނީޕޫރުގެ މައި ސިޓީ ކަމަށްވާ އިމްޕާލްގެ ހޮސްޕިޓަލެއްގެ ވޯރޑްގައެވެ. އަދި ނޭފަތަށް ޕްލާސްޓިކް ހޮޅިއެއް ގުޅައިގެން ކޮންމެ ދުވަހަކު އެތައް ފަހަރަކު އޭނާއަށް ގަދަކަމުން ކާންދޭ ކަމަށްވެސް ވެއެވެ.

"މަނީޕޫރުގެ ދަގަނޑު އަންހެނާ" ގެ ނަމުން މަޝްހޫރު ވެފައިވާ ޝަރްމީލާ ބުނީ، ސޯޅަ އަހަރަށްފަހު ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ނިމުމަކަށް ގެންނާން އޭނާ ނިންމީ، 2017 ވަނަ އަހަރު އޮންނަ ސްޓޭޓް އިންތިޚާބަށް އަމާޒު ހިފުމުގެގޮތުން ކަމަށެވެ. އިމްޕާލްގެ މެޖިސްޓްރޭޓް ކޯޓުގެ ބޭރުގައިހުރެ ޝަރްމީލާ ބުނީ، އިންތިޚާބުގައި އޭނާ ވާދަކުރާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ.

"މިހާތަނަށް އަހަރެން ހަނގުރާމަ މިކުރީ އެކަނި މާއެކަނި. އަހަރެން މިހާރު މިނިންމީ، ދީމިގްރާތީގޮތުން މިކަމާ (އިންސާނީ ހައްގުތަށް ނިގުޅައިގަތުމާ) ދެކޮޅަށް ހަނގުރާމަކުރަން. ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ހުއްޓާލައި ގާނޫނުހަދާ މަޖިލީހަށް ވަންނަން. އެގޮތުން، މިފެށޭ އޮގަސްޓްމަހުގެ 9 ވަނަ ދުވަހު އަހަރެން ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ނިމުމަކަށް ގެންނާނަން" ޝަރްމީލާ ބުނެފައި ވެއެވެ.

ޝަރްމީލާގެ އާއިލާއިން ބުނެފައިވަނީ، އޭނާއަށް މިކަމުގައި އާއިލާގެ ތާއީދާއި އެހީތެރިކަން ފުރިހަމައަށް ދޭނޭ ކަމަށެވެ.

ޚަބަރު ލިބޭގޮތުގައި، ޝަރްމީލާ ކޯޓަށް ހާޟިރުކުރެވި ވަރަށް ގިނައިން ދޫކޮށްލައެވެ. ނަމަވެސް، އަމިއްލައަށް މަރުވާން މަސައްކަތް ކުރާ ކަމަށްބުނެ، ކޯޓުން މިނިވަންކުރުމާއެކު ހަމަ ވަގުތުން ފުލުހުން އޭނާ އަލުން ހައްޔަރުވެސް ކުރެއެވެ.

އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ ކުށުގެ އަދަބަކީ އެއް އަހަރަށް ޖަލަށް ލުމެވެ.