އެމެރިކާގައި ވެރިކަންކުރާ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެޕާޓީން ހިލަރީ ކްލިންޓަންއަށް ރަސްމީގޮތުން ޓިކެޓް ދީފިއެވެ.

ހިލަރީ ކްލިންޓަންއަށް ރަސްމީގޮތުން ޓިކެޓް ކަނޑައެޅިގެންދިޔައީ، ފިލަޑެލްފިއާގައި މިހާރު ކުރިއަށްދާ، ޑިމޮކްރަޓިކް ޕާޓީގެ ހަތަރު ދުވަހުގެ ގައުމީ ކޮންވެންޝަންގައި މިއަދުއެވެ.

ޓިކެޓް ލިބިވަޑައިގަތުމާއެކު، އެމެރިކާގެ ސިޔާސީ މައި ޕާޓީއަކުން ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ފުރަތަމަ އަންހެން ކެންޑިޑޭޓަށް ވެވަޑައިގެން ހިލަރީ ކްލިންޓަން ވަނީ އެމެރިކާގެ ތާރީޚްގެ ތެރެއަށް ވެދެވަޑައި ގެންފައެވެ.

ހިލަރީ ކްލިންޓަންއަކީ އެމެރިކާގެ ކުރީގެ މަހާރެހެންދިއެވެ. އެކަމަނާއަކީ ސެނޭޓްގެ މެމްބަރެއްގެ އިތުރުން، އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފުރަތަމަ ދައުރު ޚާރިޖީ ވަޒީރާކަންވެސް ކުރައްވާފައެވެ.

ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓާއެކު، އެމެރިކާގެ ފުރަތަމަ އަންހެން ރައީސާއަށް ވެވަޑައިގަތުމުގެ މުހިންމު ފިޔަވަޅެއް އެކަމަނާއަށް ހާސިލް ކުރެއްވުނީއެވެ.

ކޮންވެންޝަން ފެށުމުގެކުރިން، ޑިމޮކްރަޓިކް ޕާޓީގެ ތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާ ކަމަށް އެމެރިކާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ. ސަބަބަކަށްވީ، ޕާޓީގެ ޓިކެޓް ހިލަރީއަށް ދެއްވަން ޑިމޮކްރަޓިކް ޕާޓީގެ އިސްވެރިން މާކުރިންވެސް ނިންމަވާފައިވާ ކަމަށްބުނާ އީމެއިލްތަކެއް ލީކްވުމާ ގުޅިގެންނެވެ.

ނަމަވެސް، ކޮންވެންޝަން ފެށި، ޑެލެގޭޓުންގެ ވޯޓްތައް ގުނައި، ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ބޭފުޅަކީ ހިލަރީ ކްލިންޓަން ކަމަށް ކަނޑައެޅިގެން ދިއުމާއެކު، އެންމެންވެސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕާޓީ އެއްބައިވަންތަ ކުރެއްވުމަށެވެ.