ގެރިމަސް ގެންގުޅުނު ކަމަށް ތުހުމަތުކޮށް އިންޑިއާގައި މުސްލިމް ދެ އަންހެނެއްގެ ގައިގައި ތަޅައި އަނިޔާކޮށްފިއެވެ.

އިންޑިއާގެ މެދުތެރޭ މަދިޔަ ޕްރަދޭޝްގެ ރޭލު ސްޓޭޝަނެއްގައި މުސްލިމުން ދެ އަންހެނުންގެ ގައިގައި ތަޅައިގަތީ ހިންދޫންގެ ބައެކެވެ.

ހިންދޫ އަންހެނުންގެ ގްރޫޕަކުން މުސްލިމް ދެ އަންހެނުންގެ ގައިގައި އަތުންނާއި ފައިން ތަޅަމުންދިޔަ މަންޒަރުގެ ވީޑިއޯތައް އެ ސްޓޭޓްގެ ޓީވީތަކުން ދައްކާފައި ވެއެވެ.

އަދި އެތަނަށް މީހުން އެއްވަމުންދިޔަ މަންޒަރުވެސް ފެނެއެވެ. އަދި ގެރިމަސް ގެންގުޅޭ ކަމަށް ތުހުމަތުކޮށް، މަދިޔަ ޕްރަދޭޝްގެ ފުލުހުން އެދެ އަންހެނުން އެތަނުން ހައްޔަރުވެސް ކުރެއެވެ.

ނަމަވެސް، ޓެސްޓްތައް ހެދުމަށްފަހު ފުލުހުން ފަހުން ބުނެފައިވަނީ، މުސްލިމް ދެ އަންހެނުންގެ އަތުގައި އެވަގުތުހުރީ ގެރިމަސް ނޫން ކަމަށާއި، އެމީހުން ގެންގުޅުނީ މީގޮނުގެ މަސް ކަމަށެވެ.

އެހެން ނަމަވެސް، ވިޔަފާރީގެ ބޭނުމުގައި، ލައިސަންސް ނެތި މީގޮނު މަސް ވިއްކަން އުޅުނު މައްސަލާގައި އެދެ އަންހެނުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މަދިޔަ ޕްރަދޭޝްގެ މަންދަސައުރު އަވަށުގެ ފުލުހުންގެ ވެރިޔާ މަނޯޖް ޝަރްމާ ވިދާޅުވީ، މުސްލިމް ދެއަންހެނުން ގެރިމަސް ވިއްކާކަމުގެ ރިޕޯޓް ކުރިން ލިބުނު ކަމަށާއި، ފުލުހުން ދިއުމުގެކުރިން އާންމުން އެދެ އަންހެނުންނަށް ހަމަލާދިނީ ކަމަށެވެ. މުސްލިމް ދެ އަންހެނުންނަށް ހަމަލާދީގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ޝަރްމާ ވިދާޅުވިއެވެ.

ހިންދޫންގެ އަޣުލަބިއްޔަތު އޮންނަ އިންޑިއާގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ގެރިއަކީ އެމީހުން އަޅުކަންކުރާ އެއްޗެކެވެ. އެހެންވެ، އެމީހުން އަމިއްލައަށް އުޅެނީ ގެރިމަސް "ހަރާމް" ކޮށްގެންނެވެ. އަދި ގެރި ކަތިލުމަކީވެސް ގާނޫނާ ޚިލާފް ކަމެއް ކަމަށް އޮންނަނީ ހަދައިފައެވެ.

އިންޑިއާގެ ވަރަށް ގިނަ ސްޓޭޓްތަކުގައި ގެރިމަހުގެ ވިޔަފާރި ކުރުމާއި، ގެރިމަސް ގެންގުޅުންވެސް އޮންނަނީ މަނާކޮށްފައެވެ. ހިންދޫންގެ ފަރާތުން ގިނަ ހަމަލާތައް މުސްލިމުންނަށް ދީފައިވަނީ ގެރި ކަތިލާތީ ކަމަށް ބެލެވިފައިވެސް ވެއެވެ.

ނަމަވެސް، އިންޑިއާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ގެރިމަސް އެކްސްޕޯޓްކުރާ އެއް ގައުމެވެ. އަދި އެކަން ކުރުމުގައި އިންޑިއާގައި އެންމެ ކުރީގައި އުޅެނީވެސް ހިންދޫންނެވެ.