ތުރުކީ ބަޣާވާތުގެ ތެރޭގައި، ފިލައިގެން ހެލިކޮޕްޓަރެއްގައި ގްރީސްއަށްދިޔަ ތުރުކީ ސިފައިންގެ 8 މީހުން ގްރީސްއިން ހިމާޔަތް ހޯދުމަށް ކުރަމުންދާ މަސައްތަށް ގްރީސްއިން އިތުރު ވަގުތު ދީފިއެވެ.

ތުރުކީ ސިފައިންގެ 8 މީހުންގެ ގާނޫނީ ވަކީލު ވަސިލިސް ޓަރްޒިޑިސް ވިދާޅުވީ، ގްރީސްއިން ސިޔާސީ ހިމާޔަތް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ތައްޔާރުވާން ގްރީސްގެ ކޯޓަކުން އިތުރު މުހުލަތު ދީފައިވާ ކަމަށެވެ. ސިފައިންގެ 8 މީހުން އަނބުރާ ތުރުކީއަށް ހިގައްޖެނަމަ އެމީހުންގެ ފުރާނައަށް ނުރައްކާ ވެދާނެކަމުގެ ބިރު އެބަ އޮތް ކަމަށްވެސް ގާނޫނީ ވަކީލު ވިދާޅުވިއެވެ.

ޚަބަރު ލިބޭގޮތުގައި، ހިމާޔަތް ހޯދުމުގެ އެޕްލިކޭޝަން ކޯޓަށް ހުށަހެޅި، ވަކިގޮތަކަށް ނިމެންދެން އެމީހުން ތިބޭނީ ގްރީސްގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުރަތަމަ އަޑުއެހުން އޮތީ އަންނަ އޮގަސްޓްމަހުގެ 19 ވަނަ ދުވަހުއެވެ.

މިޖުލައި މަހުގެ 15 ވަނަ ދުވަހު ތުރުކީއަށް ގެންނާން އުޅުނު ބަޣާވާތާ ގުޅިގެން ތުރުކީ ސަރުކާރުން މިހާތަނަށްވެސް ވަނީ، އެތައްހާސް ބަޔަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި، ސިފައިންނާއި، ފުލުހުންނާއި، ޝަރުއީ ދާއިރާގެ މީހުންނާއި، ޔުނިވަރސިޓީ، ކޮލެޖް އަދި ސްކޫލްތަކުގެ ޓީޗަރުންނާއި، ނޫސްވެރިންނާއި އާންމުންވެސް ހިމެނެއެވެ.

ބަޣާވާތުގެ ހަތަރުވަނަދުވަހު ހެލިކޮޕްޓަރެއްގައި، އަވަށްޓެރި ގްރީސްއަށްދިޔަ ސިފައިންގެ 8 މީހުންގެ ތެރޭގައި ހިމެނެނީ ސިފައިންގެ ދެ ކޮމާންޑަރުންނާއި، ހަތަރު ކެޕްޓަނުންނާއި ދެ ސާޖަންޓުންނެވެ. ގްރީސްގެ އުތުރުގެ ރަށެއް ކަމަށްވާ އެލެގްޒެންޑްރޮޕޮލީއަށް އެމީހުން ހެލިކޮޕްޓަރުގައި ގޮސް ޖައްސާފައިވަނީ "ހާޅުގައި ޖެހިގެން" ކަމަށް ބުނެ ގްރީސްގެ އަސްކަރިއްޔާއަށް އެންގުމަށްފަހުއެވެ.

ސިފައިންގެ 8 މީހުން އަނބުރާ ތުރުކީއާ ހަވާލުކޮށްދިނުމަށް ތުރުކީ ސަރުކާރުން ވަނީ ގްރީސްގެ ކިބައިން އެދިފައެވެ. ތުރުކީން ބުނެފައިވަނީ އެއީ "ޓެރަރިސްޓުން" ކަމަށެވެ. ނަމަވެސް، ސިފައިންގެ 8 މީހުން ބުނަމުންދަނީ، ތުރުކީއަށް އަނބުރާ ފޮނުވާލައިފިނަމަ އެމީންނަށް އިންސާފުވެރި ޝަރީއަތެއް ނުލިބޭނޭ ކަމަށެވެ.

ތުރުކީގައި އަލުން މަރުގެ އަދަބު ތަންފީޒުކުރަން އުޅޭތީ، ނުހައްގު ޝަރީއަތެއްކޮށް ސިފައިންގެ 8 މީހުންނާ ދެކޮޅަށްވެސް މަރުގެ ހުކުމް އިއްވައި، ހުކުމް ތަންފީޒުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމީހުންގެ ވަކީލު ވިދާޅުވެފައި ވެއެވެ.

ބަޣާވާތާ ގުޅިގެން ތުރުކީ ސަރުކާރުން ހައްޔަރު ކޮށްފައިވާ އެތައްހާސް މީހުންނާމެދު، ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ވަރަށް އަނިޔާވެރި، އިންސާނިއްޔަތާ ޚިލާފް އަދަބުތައް ދެމުންގެންދާ ކަމުގެ ކަށަވަރު މައުލޫމާތު ލިބިފައިވާ ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލްއިން ވަނީ ބުނެފައެވެ.