އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ރޭގަން އަވަހާރަކޮށްލަން ހަމަލާދިން ޖޯން ހިންކްލޭ، 35 އަހަރަށްފަހު މިނިވަންކޮށް ދޫކޮށްލަން އެމެރިކާގެ ކޯޓަކުން އަމުރު ކޮށްފިއެވެ.

ރޭގަން އަވަހާރަކޮށްލަން ދިން ހަމަލާގެފަހުން، ޖޯން ހިންކްލޭ ހުންނަނީ، ވޮޝިންޓަންގައި ހުންނަ ސިކުނޑީގެ އުނިކަން ހުންނަ ބަލިމީހުންނަށް ފަރުވާދޭ ޚާއްސަ ހޮސްޕިޓަލެއް ކަމަށްވާ އެސްޓީ އެލިޒަބަތު ހޮސްޕިޓަލްގައެވެ. މިފެށޭ އޮގަސްޓްމަހުގެ 5 ގެ ކުރިން އޭނާ ދޫކޮށްލާނެ ކަމަށް ވެއެވެ.

އުމުރުން މިހާރު 61 އަހަރު ވެފައިވާ ޖޯން ހިންކްލޭ ދޫކޮށްލަން ކޯޓުން ނިންމީ، ވަރަށް ގިނަ ޝަރުތުތައް އޭނާއާ ކުރިމަތި ކޮށްފައެވެ. އެގޮތުން، ވަރޖިނިއާގެ ވިލިއަމްސްބާރގްގައި ހުންނަ އޭނާގެ މަންމަގެ ގޭގައި، މަންމާއާއެކު އަބަދުވެސް ދިރިއުޅުމަށް ޝަރުތު ކޮށްފައިވެއެވެ. ޖޯން ހިންކްލޭގެ މަންމަގެ އުމުރަކީ 90 އަހަރެވެ.

އިތުރަށް ކުރިމަތި ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި، ރައީސް ޑޮނަލްޑް ރޭގަން އަވަހާރަކޮށްލުމަށް އޭނާ ދިން ހަމަލާގައި ޒަޚަމްވި އެއްވެސް މީހެއްގެ އާއިލާއާ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި، މަންމަގެ ގެ ހުންނަ ހިސާބު ވަށައިގެން 50 މޭލަށްވުރެ ދުރަށް ނުދިއުމަށާއި، އެމެރިކާގެ މިހާރުގެ ރައީސް އަދި އެމެރިކާގެ ކުރީގެ ރައީސެއް، ނާއިބް ރައީސެއް އަދި ކޮންގްރެސްގެ މެމްބަރެއްވިޔަސް ދިރިއުޅުއްވާ ހިސާބަކަށް ނުވަތަ ވަޑައިގެން އުޅުއްވާ އެއްވެސް ތާކަށް ނުދިއުމަށް ޝަރުތުތަކުގެ ތެރޭގައި ވެއެވެ.

އަދި މަހަކު އެއްފަހަރު އެސްޓީ އެލިޒަބަތު ހޮސްޕިޓަލަށް އައުމަށާއި، ހޮސްޕިޓަލަށް އަންނަން ދަތުރުކުރާ މަގު އެމެރިކާގެ ސިއްރު ފުލުހުންނަށް ކުރިން އެންގުމަށާއި، ރައީސް އަވަހާރަ ކޮށްލަން ދެވުނު ހަމަލާއާ އެއްވެސް ގުޅުމެއްހުރި އެއްވެސް ޕޯސްޓެއް އިންޓަރނެޓްގައި ޝާއިއު ކުރުންވެސް ވަނީ މަނާކޮށްފައެވެ.

ޖޯން ހިންކްލޭ ދޫކޮށްލަން ކޯޓުން ނިންމީ، އޭނާއަކީ، އޭނާގެ އަމިއްލަ ނަފްސަށްވެސް އަދި އެހެން މީހަކަށްވެސް މިހާރު ނުރައްކަލެއް ފޯރުވޭނެ މީހެއް ނޫންކަމަށް ހޮސްޕިޓަލުންވެސް ކަނޑައެޅުމާ ގުޅިގެންނެވެ.

ޖޯން ހިންކްލޭ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ރޭގަން އަވަހާރަކޮށްލަން ބަޑިން ހަމަލާދިނީ، ވޮޝިންޓަންގެ ހޮޓަލަކަށް ވަޑައިގެންނެވި ވަގުތު، ހޮޓަލުގެ ބޭރުންނެވެ. މިހަމަލާގައި ރޭގަންގެ ޕްރެސް ސެކްރެޓަރީ ޖޭމްސް ބްރޭޑީއާއި، އެމެރިކާގެ ސިއްރު ފުލުހުންގެ އޭޖެންޓް ޓިމް މެކާރތީއާއި، ތޯމަސް ޑެލަންޓީ ނަމަކަށް ކިއުނު ފުލުހަކުވެސް ވަރަށް ބޮޑަށް ޒަޚަމްވިއެވެ.

އެހަމަލާގެ ސަބަބުން ވާގިނެތި އޮތުމަށްފަހު، ރައީސް ރޭގަންގެ ޕްރެސް ސެކްރެޓަރީ ޖޭމްސް ބްރޭޑީ މަރުވެފައިވަނީ 2014 ވަނަ އަހަރުއެވެ. ހަމަލާގެ ފަހުން ވާގިނެތިފައި އޮތްނަމަވެސް، ބްރޭޑީ ފަހުން ވެފައިވަނީ، އެމެރިކާގައި ހަތިޔާރު ކޮންޓްރޯލް ކުރުމަށް ވަކާލާތުކުރެއްވި ބޭފުޅަކަށެވެ.