ތުރުކީގެ އަސްކަރިއްޔާގެ 149 ޖެނެރަލުން މަގާމުން ދުރުކޮށްފިއެވެ.

މިމަހުގެ 15 ވަނަ ދުވަހު ތުރުކީގެ ސަރުކާރު އިންގިލާބުކޮށް، ސިފައިންގެ ބަޔަކު ގެންނާން އުޅުނު ބަޣާވާތާ ގުޅިގެން، އެކަމާ ގުޅުންހުރި ކަމުގެ ތުހުތުގައި ހައްޔަރު ކޮށްފައިވާ ސިފައިންގެ އެތައްހާސް މީހުންގެ ތެރޭގައި ހިމެނޭ 149 ޖެނެރަލަކު މަގާމުން ދުރުކުރީ، ބަޣާވާތުގައި އެމީހުން ބައިވެރިވާކަން ހާމަވުމުން ކަމަށް ތުރުކީ ސަރުކާރުގެ ރަސްމީ ގެޒެޓްގައި ޝާއިއު ކޮށްފައިވާ ސަރުކާރުގެ ގަރާރެއްގައި ބުނެފައި ވެއެވެ. ނަމަވެސް، އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.

އަސްކަރިއްޔާގެ އިސް މަގާމުތަކުން ދުރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ، އެއްގަމު ސިފައިންގެ 87 ޖެނެރަލުންނާއި، ވައިގެ ސިފައިންގެ 30 ޖެނެރަލުންނާއި، 32 އެޑްމިރަލުންނެވެ. އެހުރިހާ އެންމެންވެސް މަގާމުން ދުރުކުރެވުނީ، ލިބިފައިވާ ހުރިހާ ޝަރަފްވެރިކަމެއް ނިގުޅައިގަތުމަށް ފަހުގައި ކަމަށްވެސް ގެޒެޓްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ސިފައިންގެ ފައުޖުގެ 1،099 އޮފިސަރުންނާއި، 436 ޖޫނިއަރ އޮފިސަރުންގެ ކިބައިންވެސް ޝަރަފްވެރިކަން ނިގުޅައި، މަގާމުން ވަކިކޮށްފައި ވެއެވެ.

ބަޣާވާތާ ގުޅިގެން ތުރުކީ ސަރުކާރުން އެތައްހާސް ބަޔަކު ހައްޔަރުކުރުމާއި، ހައްޔަރުކުރާ މީހުންގެ ގައިގައި ތަޅައި އަނިޔާކުރުމާއި، އިއްފަތް ފޭރުންފަދަ ކަންކަން ހިނގަމުންދާ ކަމަށް ބުނާ ބުނުންތަކާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައި ވެއެވެ.

މީހުން ހައްޔަރުކުރުން އަދިވެސް ނުހުއްޓި ކުރިއަށްދާއިރު، ޚަބަރުފަތުރާ 3 ނޫސް އޭޖެންސީއާއި، 16 ޓީވީ ސްޓޭޝަނާއި، 23 ރޭޑިއޯ ސްޓޭޝަނާއި، 45 ދުވަހު ނޫހާއި، 15 މަޖައްލާއާއި، 29 ޗާޕްޚާނާ ބަންދުކުރުމަށްވެސް ތުރުކީ ސަރުކާރުން މިހާރު ވަނީ އަމުރު ކޮށްފައެވެ.

ބަންދުކުރުމަށް ސަރުކާރުން އަމުރުކުރި މީޑިއާތަކުގެ ނަންތަކެއް، ގެޒެޓްގައި ޝާއިއުކޮށްފައެއް ނުވެއެވެ. ނަމަވެސް ސީއެންއެން – ޓާރކްއިން ބުނެފައިވަނީ، ޕްރޮވިންސް ފެންވަރުގައި ޚަބަރުފަތުރާ ވިއުގަތަކާއި، ތުރުކީގައި މަޝްހޫރު ގައުމީ އެއް މީޑިއާ އޭގެތެރޭގައި ހިމެނޭ ކަމަށެވެ.

އެގޮތުން، ސިހާން ނޫސް އޭޖެންސީއާއި، ކުރުދީންނަށް ތާއީދުކުރާ އައި.އެމް.ސީ ޓީވީއާއި، އިދިކޮޅު ޕާޓީން ހިންގާ ދުވަހުނޫސް ތަރަފްވެސް ބަންދުކުރުމަށް އަމުރުކޮށްފައި ވާކަމަށް ބުނެއެވެ.