ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރިންގެ ތެރެއިން ހަތިޔާރު ބަހައްޓައި، އަމާންދޭ އެންމެނަށް މައާފް ދެއްވާނެ ކަމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު އިޢްލާން ކުރައްވައިފިއެވެ.

ބައްޝާރުލް އަސަދު ނެރުއްވި ރިޔާސީ ގަރާރަކާ ހަވާލަދީ ސޫރިޔާގެ ރަސްމީ ނޫސް އޭޖެންސީ، ސަންއާއިން ބުނެފައިވަނީ، އަމާން ދިނުމަށް ހަނގުރާމަވެރިންނަށް ތިންމަސްދުވަހުގެ މުހުލަތެއް ދެއްވާފައިވާ ކަމަށެވެ. "ހަތިޔާރު ބަހައްޓައި އަމާންދޭ އެއްވެސް މީހަކަށް އަދަބެއް ނުދޭނަން. އެފަދަ މީހުން އަދަބުން ސަލާމަތްވާނެ" ގަރާރުގައި ބުނެފައި ވެއެވެ.

ހަމަ އެއާއެކު، ހަނގުރާމަވެރިން ރަހީނުކޮށްފައިވާ ސޫރިޔާ ސިފައިންގެ އެއްވެސް މީހަކު މިނިވަންކުރި ހަނގުރާމަވެރިޔަކަށްވެސް މައާފް ދެއްވާނެ ކަމަށް ގަރާރުގައި ބުނެފައި ވެއެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު، ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރިން އަމާން ދީފިނަމަ މައާފް ދެއްވާނެ ކަމަށް ކަނޑައަޅުއްވައި ގަރާރެއް މި ނެރުއްވީ، ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހަލަބް، ސަރުކާރު ސިފައިންނާއި، ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރި ފައުޖުތަކުން ވަށާލާފައިވާ ދަނޑިވަޅެއްގައެވެ.

ސޫރިޔާ ސިފައިން ހަލަބް ވަށާލާފައިވާއިރު، އެ ސިޓީ ކޮންޓްރޯލްކުރާ ހަނގުރާމަވެރިންނާއި، އާންމުންގެ 200،000 އަށްވުރެ ގިނަމީހުން ހަލަބްގައި ތާށިވެފައި އެބަތިއްބެވެ.

އަނެއްކޮޅުން، ހަލަބްގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުވައި ދިނުމަށް ފުރުސަތު ތަނަވަސް ކުރުމުގެގޮތުން، ސޫރިޔާ ސިފައިންނާ ގުޅިގެން ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް، ބައްޝާރުލް އަސަދުގެ މިތުރު ރަޝިޔާއިން މިއަދު ވަނީ ބުނެފައެވެ.

ރަޝިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދެއްވަމުން ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގެއި ޝޮއިގު ވިދާޅުވީ، އިންސާނީ އެހީ ފޯރުވައި ދިނުމަށް ތިން ކޮރިޑޯއެއް މިހާރު ގާއިމް ކުރެވިފައިވާ ކަމަށާއި، އަމާން ދޭން ބޭނުންވާ ހަނގުރާމަވެރިން ހަލަބުން ނުކުތުމަށްޓަކައި އިތުރު ކޮރިޑޯއެއް ހަލަބްގެ އުތުރުގައި ގާއިމްކުރުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ސޫރިޔާ ސިފައިންނާއި، ރަޝިޔާއިން ގުޅިގެން ހަލަބްގެ އަވަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތައް ދެމުން ގެންދާއިރު، އެ ހަމަލާތަކުގައި ކޮންމެ ދުވަހަކުހެން އާންމުންނާއި އެތައް ކުޑަކުދިން މަރުވަމުން ދެއެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ފާއިތުވީ ދުވަސްތަކުގައި މައާފް ދެއްވުމުގެ ވަރަށް ގިނަ ފުރުސަތުތައް ހުޅުވާލައްވާފައި ވެއެވެ. ސޫރިޔާ ސިފައިންގެ ތެރެއިން ހަނގުރާމައަށް ފިލައިގެން ގޮސްފައިވާ މީހުންނަށް މައާފް ދެއްވުމުގެ ފުރުސަތު 2015 ވަނަ އަހަރުގެ ތެރޭގައި ދެއްވާފައި ވެއެވެ.

ސޫރިޔާ ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު ފެށުނު މުޒާހަރާއެއް ވަރުގަދަ ހަނގުރާމައަކަށް ބަދަލު، މި ހަނގުރާމައިގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 280،000 އަށްވުރެ މައްޗަށް އަރާފައި ވެއެވެ.

ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހިޖުރަކޮށްފައި ވެއެވެ.