އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ހޯދުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތަށް އިތުރު ހުރަސްތަކާއި ފަސްޖެހުންތަކެއް އަނެއްކާވެސް ކުރިމަތިވެއްޖެއެވެ.

މިކަން ފަސްވެގެންދިޔައީ، ސަލާމަތީ މަޖިލީހަށް ބަދަލު ގެނައުމުގެ މައްސަލާގައި މަޝްވަރާކޮށް ގޮތްތަކެއް ކަނޑައެޅުމަށް އދއިން އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީގައި ހިމެނޭ މެމްބަރު ގައުމުތަކަށް އެއްގަލަކަށް ނޭރިގެންނެވެ. މިކޮމިޓީއަކީ، އދގެ 193 މެމްބަރު ގައުމު ހިމެނޭ އާންމު މަޖިލީހުން، ބައެއް މެމްބަރު ގައުމުތައް ހިމަނައިގެން އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީއެކެވެ.

ކޮމިޓީން ނިންމާފައިވަނީ، ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް ބަދަލުގެނައުމާ ގުޅޭ މަޝްވަރާތައް ދެން އޮންނާނީ އަންނަ އަހަރު ކަމަށެވެ. މިކަމާ ގުޅިގެން އިންޑިއާއިން ވަނީ ހިތާމަކުރާކަން ހާމަކޮށްފައެވެ.

އިންޑިއާ، ބްރެޒިލް، ޖަޕާން އަދި ޖަރުމަނުވިލާތް ގުޅިގެން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އދއަށް 70 އަހަރު ފުރުން ފާހަގަކުރާ މުހިންމު މިދަނޑިވަޅުގައި، އދގެ އާންމު މަޖިލީހުގެ އެޖެންޑާގެ ވަރަށް މުހިންމު އައިޓަމާމެދު ގޮތްތަކެއް ނުނިންމި ދިއުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

އިންޑިއާއާއެކު ބްރެޒިލް، ޖަޕާން އަދި ޖަރުމަނުވިލާތުންވެސް މަސައްކަތް ކުރަމުން ގެންދަނީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ އަދަދު އިތުރުކުރުމަށެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް އިންޑިއާއަށް ދިނުމަށް ބްރެޒިލް، ޖަޕާން އަދި ޖަރުމަނުވިލާތުން ތާއީދުކޮށް އެކަމަށް މަސައްކަތް ކުރާއިރު، ބްރެޒިލް، ޖަޕާން އަދި ޖަރުމަނުވިލާތުންވެސް މަސައްކަތް ކުރަމުން ގެންދަނީ ދާއިމީ ގޮނޑިއެއް ހޯދުމަށެވެ. އެ ހަތަރު ގައުމު އެކަމަށް މަސައްކަތް ކުރަމުން ގެންދަނީ "ޖީ4" ނަމުގައި ގްރޫޕެއް ހަދައިގެންނެވެ.

އިންޑިއާއަކީ ޓްރިލިއަން ޑޮލަރުގެ ވަރުގަދަ އިގްތިސާދަކަށް ވެފައި، ދެކުނު އެޝިޔާގެ ވަރުގަދަ ބާރަކަށްވާތީ، އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް އިންޑިއާއަށް ހައްގުކަމަށް އެގައުމުން ދައުވާ ކުރެއެވެ.

އދގެ ސަލާމަތީ މަޖިލިސް ފުޅާކުރުމުގެ ވާހަކަތައް އަލުން ހިގައިގަންނަގޮތްވީ 20 އަހަރު އެކަން ހުއްޓިފައި އޮތުމަށްފަހުއެވެ. ސަލާމަތީ މަޖިލިސް ފުޅާކުރުމުގެ ވާހަކަތައް އަލުން ފެށޭގޮތްވީ، ކުރިމަތިވި އެތައް ހުރަސްތަކާއި، ގޮންޖެހުންތަކާއެކުވެސް އެކަމާއިގެން ކުރިއަށް ދިއުމަށް އދގެ އާންމު މަޖިލީހުން މިދިޔަ އަހަރު ގަރާރެއް ފާސްކުރުމާ ގުޅިގެންނެވެ. ބޭނުމަކީ އދގެ ތެރެއިން ބާރުތައް ހަމަހަމައަށް ބެހުމެވެ.

އދގެ ސަލާމަތީ މަޖިލީހުގައި މިހާރު ހިމެނެނީ 15 މެމްބަރު ގައުމެވެ. އޭގެ ތެރޭގައި ހިމެނެނީ، ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު ގައުމުގެ ގޮތުގައި ހިމެނޭ އިނގިރޭސިވިލާތް، އެމެރިކާ، ފަރަންސޭސިވިލާތް، ޗައިނާ އަދި ރަޝިޔާއެވެ. ދެން ހިމެނެނީ ކޮންމެ ދެއަހަރަކުން އިންތިޚާބުކުރާ މެމްބަރު ގައުމުތަކެވެ.

އދގެ ސަލާމަތީ މަޖިލީސް އިތުރަށް ފުޅާކުރުމަށް އދގެ މެމްބަރު ގިނަ ގައުމުތަކުން ތާއީދު ކުރެއެވެ. އެގޮތުން، ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކުގެ އަދަދު 15 އިން 20 އަށް ވުރެ އިތުރު ކުރުމަށާއި، ސަލާމަތީ މަޖިލީހުގެ މަސައްކަތްތައް މިހާރަށްވުރެ އެތެރެފެންނަ ގޮތެއްގައި ކުރުމަށާއި އަދި ހަރަކާތްތެރި ދައުރެއް އަދާ ކުރުމަށްވެސް މެމްބަރު ގައުމުތަކުން ބޭނުންވެއެވެ.

ސަލާމަތީ މަޖިލިސް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި، ދާއިމީ ގޮނޑިއެއް ހޯދުމަށް އެންމެ ގަދަޔަށް ފައިވިއްދާފައިވާ އެއް ގައުމަކީ އިންޑިއާއެވެ.

މިކަމަށް އިންޑިއާ މަސައްކަތް ކުރާއިރު، ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ގައުމުތަކުގެ ގްރޫޕްގެ މެމްބަރުކަން ހޯދުމަށް އިންޑިއާއިން ކުރަމުންދިޔަ މަސައްކަތްވެސް މިދިޔަމަހު ވަނީ ނާކާމިޔާބު ވެފައެވެ. 48 މެމްބަރު ގައުމު ހިމެނޭ "ނިއުކްލިއަރ ސަޕްލަޔަރސް ގްރޫޕް" އަކީ ނިއުކްލިއަރ ހަތިޔާރުގެ ޓެކްނޯލޮޖީއާއި، މެޓީރިއަލްސް އަދި އޭގެ ވިޔަފާރި ކޮންޓްރޯލްކުރާ ގްރޫޕެވެ.